ޕޮލެންޑުގެ ރިސޯޓެއް ކަމަށްވާ ޕޮލިޝް ސްކީ ރިސޯޓުގައި ހިނގި ހާދިސާއެއްގައި އިމާރާތެއް ބިމާއި ހަމަވެ ހަތަރު މީހަކު މަރުވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި ބުދަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ތިން މީހަކާއި ކުޑަ ކުއްޖެކެވެ. އެމީހުން މަރުވެފައި ވަނީ ތިން ބުރީގެ އެ އިމާރާތް ފުނޑުފުނޑުވެގެން ދިޔަ ވަގުތު، އެތަނުގެ ދަށުގައި ތާށިވުމުންނެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ އިމާރާތުގެ ތެރެއަށް ގިނަ އަދަދަކަށް ގޭސް ލީކުވެފައި ވަނިކޮށް ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހުއެވެ. އެގޮތުން އަލިފާން ހިފި ވަގުތު ބާރުގަދަ ގޮވުމެއްގެ އަޑު އެ ސަރަޙައްދުން އިވިފައިވާއިރު، ވަގުތުން އިމާރާތް ބިމާއި ހަމަވި ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ވަގުތު އިމާރާތުގެ ތެރޭގައި އަށް މީހަކު ތާށިވެފައި ތިބި ކަމަށް ބެލެވިފައި ވާއިރު، މިހާތަނަށް ފެނުނީ މަރުވި ހަތަރު މީހުންގެ ހަށިގަނޑު އެކަންޏެވެ. އޮފިޝަލުން އެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ސަތޭކައަށްވުރެގިނަ ފަޔާފައިޓަރުންނާއި 50 އަށްވުރެ ގިނަ ފުލުހުން އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި މަރުވި މީހުންނާއި ބެހޭ މަޢުލޫމާތެއް އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.