އިރާގުގެ އަވަށެއްގައި، ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓްސް (އައިއެސް) އާއި ދެކޮޅު ހަނގުރާމަވެރިންތަކެއްގެ ޖަނާޒާ ކުރިއަށްދަނިކޮށް ދިން ބޮމުގެ ޙަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާޢަތަކުން އުފުލާފައި ނުވާއިރު، ޙަމަލާ ދިން ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ އައިއެސްއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރޭގެ ވަގުތެއްގައި ދިން މި ޙަމަލާގައި ދެ ފަހަރެއްގެ މަތިން އެ ސަރަޙައްދުގައި ވަނީ ބޮން ގޮއްވާލާފައެވެ. މި ޙަމަލާތަކުގައި 25 މީހަކު މަރުވެ 18 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެތެރެއިން ބައެއް މީހުންގެ ޙާލު ދެރަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރޭ ޙަމަލާދިން އަވަށަކީ އިރާގުގެ އަވަށްތަކަށް އަތްގަދަކޮށްގެން އުޅުނު އައިއެސްގެ ހަނގުރާމަވެރިން އެންމެ ފަހުން ހިފާފައި އޮތް އަވަށެވެ. މި އަވަށް އަލުން އަނބުރާ އިރާގުގެ އަސްކަރިއްޔާއިން ހިފުމާއިއެކު އައިއެސްގެ ބާރު އިރާގުގެ ހުރިހައި އަވަށަކުން ވަނީ ކެނޑިފައެވެ.

މި ޙަމަލާ ދީފައި މިވަނީ، އައިއެސްގެ އަތްދަށުން އަވަށްތައް މިނިވަން ކުރުމާއި ގުޅިގެން ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެ ޖަމާޢަތުން ދީފައި ވަނިކޮށެވެ. އެ ޖަމާޢަތުން އިރާގަށް އަތްގަދަކޮށް ވެރިވާން މީގެ އެތައް އަހަރެއް ކުރިން މަސައްކަތް ފަށާފައިވާއިރު، އިރާގުގެ އަސްކަރިއްޔާއިން ދަނީ ހަނގުރާމަވެރިން އަވަށްތަކުން ފައްސާލަމުންނެވެ. ބަދަލުގައި އެ ޖަމާޢަތުން ދަނީ ކުށެއްނެތް ޢާންމުންނަށް ޙަމަލާތައް އަމާޒުކުރަމުންނެވެ.

އައިއެސްގެ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް އިރާގުގައި ގިނަ ޢަދަދެއްގެ ޢާންމުން ގެދޮރު ދޫކޮށް ވަނީ ދާންޖެހިފައެވެ. އަދި އެތައް ހާސް ކުށެއްނެތް ބަޔަކު އެ ޖަމާޢަތުން ދޭ ޙަމަލާތަކުގައި ދުނިޔެ ދޫކޮށްފައިވާއިރު، އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަން ފާހަނގަކޮށްލަން ޖެހެއެވެ. އައިއެސް ޖަމާޢަތުގެ ޢަމަލުތަކުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި އިރާގު ވެފައިވަނީ މީހުން ވަޒަންވެރިވުމަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާތެރި ޤައުމުތަކުގެ ލިސްޓުގެ ކުރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފައިޒް

  ވަރަށް އުފާވެރި ޚަބަރެއް އިރާޤް މީހުންނަށް މިހާރު ހުންނާނި ރާކަނިމަސް ކެވިފަ..

  • ކޮންމެ މީހެއްވެސް މަރުގެ ރަހަ ދެކޭނެ

   ކޮންމެ އިންސާނެއް ވެސް މަރުގެ ރަހަ ދެކޭނެ، ވީ އިރު ތިޔަހާ އުފާ ކުރަނީ ކީއްވެ، ތިބާ މަރުވާ ދުވަހުން ހިސާބު ކިތާބު އެނގެން ފަށާނެ.

 2. އ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ