ސީރިޔާގެ ހައްދުފަހަނައަޅާފައިވާ ބަޝާރު އަލް އަސަދުގެ ސަރުކާރަށް އެހީތެރިވާ، ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން، ފޯނުން ގުޅައި އެމެރިކާގެ މަދަދާއިއެކު އުޅޭ އިސްރާއިލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރުދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޕޫޓިން ނަތަންޔާހޫއަށް ގުޅާފައިވަނީ، ސީރިޔާގެ އަސްކަރީ މަރުކަޒަކަށް އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ޙަމަލާއެއް ދީފައިވަނިކޮށް އެކަން ކުއްވެރި ކުރަމުންނެވެ. އެގޮތުން މަސްލަޙަތު ގެއްލޭފަދަ އެއްވެސް ކަމެއް މީގެ ފަހުން އިސްރާއީލުން ސީރިޔާގެ މައްސަލައިގައި ނުކުރުމަށާއި އެ ހަމަނުޖެހުމުގެ ތެރެއަށް އިސްރާއީލުން ނުވަނުމަށް ޕޫޓިން ވަނީ ނަތަންޔާހޫއަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ތަފާތުއެކި ވާހަކަތައް ފެތުރެމުންދާ މި ދަނޑިވަޅުގައި، އިސްރާއިލްގެ ޓިވީ ޗެނަލަކުން ބުނެފައިވަނީ، ޕޫޓިންގެ އިންޒާރަށް ނަތަންޔާހޫ ފަހަތަށް ނުޖެހޭ ކަމަށާއި، އީރާނުގެ އަސްކަރިއްޔާއިން ސީރިއާގައި އެއްވެސް ޙަރަކާތެއް ހިންގާން އުޅެފިނަމަ އެކަން އިސްރާއީލުން ހުއްޓުވާނެ ކަމަށް، ރައްދުގައި ނަތަންޔާހޫ ބުނެފައިވާ ކަމަށެވެ.

އީރާނަކީ ސރިޔާގެ ބަޝާރަށް ވަފާތެރި ސިފައިންނަށް އަސްކަރީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދެމުންދާ އެއް ޤައުމު ކަމުގައިވާއިރު، ސީރިޔާގައި ހިންގަމުންދާ ޖަމަނުޖެހުންތައް ހުއްޓުވުމަށް ކަމަށްބުނެ ސީރިޔާގެ ސިފައިންނާއި އެކު ރަޝިޔާއިންވެސް ދަނީ އެޤައުމުގެ ހަނގުރާމައިގައި ބައިވެރިވަމުންނެވެ. މިކަމާއި ގުޅިގެން އެންމެ ބޮޑަށް ނުރުހުންވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިސްރާއިލް ހިމެނޭއިރު، އެމެރިކާއިން މީގެ ކުރިން ވަނީ ރަޝިޔާގެ އަސްކަރިއްޔާ ސީރިޔާއިން ބޭލުމަށް ގޮވާލާފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކޯޅުން އިތުރުވެ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސީރިޔާގެ ހަމަނުޖެހުންތައް އެމެރިކާއިން ކުއްވެރި ކުރަމުންދާއިރު، އެމެރިކާގެ މަދަދާއި އެކު ފަލަސްތީނުގެ ވެރިކަން ކުރާ ގާޒާއަށް އަތްގަދަކޮށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ވެރިޔާ، ނަތަންޔާހޫ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން އެޤައުމަށް ޖަވާބުދާރީ ވެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޅި

    ފެށުން ވަރަށް ސަޅި

  2. Anonymous

    ވެއިޓް

  3. ހުސަން

    ވެއިޓް ވަޓް؟ އިޒްރޭލަށް މަދަދު ވާ އެމެރިކާ އޭ؟ ދެން އެމެރިކާ ސިފައިންނާ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮވޭ. ދެން އެމެރިކާއިން އެންޓީ ޓެރަރިޒަމް ގައި ރާއްޖެއިން އެހީތެރިވޭ. ސޯ ރާއްޖޭ މީވެސް ޔަހޫދީ އޭޖެންޓް ގައުމެއް ދޯ. ކުރިންވެސް އައި ތޯޓު ސޯ.