އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ 11.75 މިލިއަން އެމެރިކާ ޑޮލަރު (181 މިލިއަން ރުފިޔާ) އަށް ހަތް ކޮޓަރީގެ ބޮޑު ގެއެއް ބައްލަވައިގެންފިއެވެ. ދެކަނބަލުން ބައްލަވައި ގެންފައި ވަނީ އެމެރިކާގެ މަސަޗޫސަޓްގެ މަތާ ވިނެޔާޑް ނަމަކަށް ކިޔާ ސަރަހައްދުގައި ހުރި ގެއެކެވެ.

އަތިރިމައްޗާއި ވަރަށް ކައިރީގައި ހުރި މި ގެއާއި އެކު 29 އޭކަރުގެ ބިމެއް ވެސް އެބައޮތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިގޭގެ އަސްލު އަގަކީ 14.85 މިލިއަން ޑޮލަރެވެ. ނަމަވެސް އޮބާމާގެ ދެކަނބަލުން ގެ ބައްލަވައި ގަންނަން ޝައުގުވެރިކަން ފާޅުކުރެއްވުމުން ގޭގެ ވެރިފަރާތުން ވަނީ އެދެކަނބަލުންނަށް ބޮޑު ޑިސްކައުންޓެއް ދީ 11.75 މިލިއަން ޑޮލަރަށް ގެ ވިއްކާލާފައެވެ.

ފެހިކަން ގަދަ ސަރަހައްދެއްގައި ހުރި މިގޭގައި ސުވިމިމް ޕޫލަކާއި، ލަގްޒަރީ ދިރިއުޅުމަކަށް ބޭނުން ވާނެ ހުރިހާ ޚިދުމަތެއް ލިބެން ހުރެއެވެ. ގެ ކައިރިން ގޭގެ ވެރިންނަށް ޕްރައިވެޓް ބީޗެއް ވެސް ލިބޭނެއެވެ. ޕްރައިވެޓް ބީޗްގައި ތިބޭ އިރު އެޓްލާންޓިކް ކަނޑު ފެންނަން އޮންނާނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޮބާމާގެ ދެކަނބަލުން މި ގެ ބޭނުންފުޅު ކުރައްވާނީ ހޫނު މޫސުމުގެ ޗުއްޓީ ހޭދަކުރެއްވުމަށެވެ. އޮބާމާ މީގެ ކުރިން ހޫނު މޫސުމުގެ ޗުއްޓީ ހޭދަކުރައްވަން ބޭނުންކުރެއްވި ގެ މިދިޔަ އަހަރު ވަނީ 15 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލާފައެވެ.

އޮބާމާގެ މިލްކިއްޔާތުގައި 40 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށް ވެއެވެ. އޮބާމާ އަކީ މިހާތަނަށް އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދެވަނަ އަށް އެންމެ މުއްސަނދި ބޭފުޅާއެވެ. އަދި މިހާރު ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ރައީސުންގެ ތެރެއިން އެންމެ މުއްސަނދި ބޭފުޅަކީ ވެސް އޮބާމާ އެވެ.

ފޮތް ލިޔުއްވައިގެންނާއި، ތަޤުރާރުކަށް ދެއްވައިގެން އޮބާމާ އާއި މިޝޭލް މިހާރު ވެސް ބޮޑު އާމްދަނީއެއް ހޯއްދަވައެވެ.