ކެންޔާގެ ވެރިކަންކުރާ ނައިރޯބީގެ އުސް އުމާރާތެއް ވެއްޓި ބިމާއި ހަމަވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި ހުކުރު ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގައި މީހަކު މަރުވިކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ވަގުތު އިމާރާތުގައި ގިނަ ބަޔަކު ތިބި ކަމަށް ބެލެވިފައިވާއިރު، އިމާރާތުގެ ދަށުގައި މީހުން ތާށިވެފައި ތިބެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކެންޔާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގީ އިމާރާތްކުރުމުގެ މިންގަނޑަށް ނުފެތޭފަދަ ގޮތަކަށް އަޅާފައިވާ އިމާރާތެއްގައެވެ. އަދި ހާދިސާ ހިނގީ އިމާރާތުން ބައެއް ވެއްޓުމުގެ ސަބަބުން މުޅި އިމާރާތް ބިމާއިހަމަވުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ހާދިސާ ހިނގުމާއި އެކު ނައިރޯބީގައި އުޅޭ އާންމުންގެ އެހީތެރިކަމާއެކު އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ދިހަ މީހަކު ވަނީ ސަލާމަތްކޮށްފައެވެ. މި އިމާރާތުގެ ދަށުގައި އިތުރު މީހުންވެސް ތާށިވެފައި ވެދާނެ ކަމަށް ބެލެވިފައިވާތީ ގިނަ އަދަދެއްގެ އޮފިޝަލުން މިހާރު ދަނީ ސަރަޙައްދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

2015 ވަނަ އަހަރު އެކަނިވެސް ކެންޔާގެ އަށް އިމާރާތެއް މިގޮތަށް ވެއްޓިފައި ވެއެވެ. މިކަމާއި ގުޅިގެން އެޤައުމުގެ ރައީސް، އުރޫ ކެންޔަޓާ އޭރު ވަނީ އެޤައުމުގައި އަޅާފައިވާ އިމާރާތްތައް އިމާރާތްކުރުމުގެ މިންގަނޑަށް ފެތޭތޯ ބެލުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަމުރުވެސް ކޮށްފައެވެ. މި އަމުރާއި ގުޅިގެން ކެންޔާގެ ނޭޝަނަލް ކޮންސްޓްރަކްޝަން އޮތޯރިޓީން ބެލި ބެލުމުން، ހަމައެކަނި ނައިރޯބީގައި ވެސް 58 އިންސައްތަ އިމާރާތް ދިރިއުޅުމަށް އެކަށީގެންނުވާ ހާލަތުގައި ހުރިކަން ވަނީ ހާމަވެފައެވެ.