ކެންޔާގައި އުތުރުގެ ހިސާބެއްގައި ދަތުރުކުރަމުން ދިޔަ ބަހެއް ހުއްޓުވައި، ނިރުބަވެރިން ދިން ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެއެވެ.

ކެންޔާ އާއި، ސޯމާލިއާ ގުޅޭ ބޯޑަރު ކައިރި ހިސާބެއްގައި ހަދާފައި އޮންނަ މަގަކުން ދަތުރުކޮށްފައި ދިޔަ އެ ބަހަށް ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ހަމަލާ ދިން އިރު އެ ބަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފުލުހުންވެސް ތިއްބެވެ. ހަމަލާގައި މަރުވި 10 މީހުންގެ ތެރޭގައިވެސް ގިނައީ ފުލުސް އޮފިސަރުންނެވެ. އެމީހުން މަރާލާފައިވަނީ ވަރަށް ރަހުމް ކުޑަ ގޮތަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަމަލާގެ ޒިންމާ މިހާރު ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތް، އަލް-ޝަބާބް ޖަމާޢަތުން ވަނީ ނަގާފައެވެ. އެ ޖަމާޢަތުން ހަމަލާގެ ޒިންމާ ނަގައި، ބުނެފައިވަނީ އެ ހަމަލާގައި ކެންޔާ ފުލުހުންގެ ބައެއް އިންޓެލިޖެންސް އޮފިސަރުންނާއި، ސަރުކާރުގެ ބައެއް އޮފިޝަލުންވެސް މަރާލާފައިވާ ކަމަށެވެ. ކެންޔާގެ ފުލުހުންވެސް ވަނީ ހަމަލާތަކުގައި 10 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 7 ފުލުހުން ހިމެނޭކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކެންޔާގެ އެތެރޭގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުން އަލް ޝަބާބް ޖަމާޢަތުގެ ނިރުބަވެރިން ވަނީ ބަހުގައި ތިބި މީހުން ބަހުން ބޭރަށް ނެރެ، އެމީހުންގެ ގަޔަށް ވަރަށް ކައިރީގައި ތިބެގެން ބަޑި ޖަހާފައެވެ. ކެންޔާގެ ފުލުހުން މިހާތަނަށް އެ ހަމަލާދިން ގޮތާއި ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

އަލް-ޝަބާބް ޖަމާޢަތުން އެފްރިކާގައި ބޮޑަށް ޙަރަކާތްތެރިވަނީ ސޯމާލިއާގައެވެ. އެގޮތުން ސޯމާލިއާގައި ހުޅަނގުގެ ޤައުމުތަކުގެ ބާރު ހިނގާ ސަރުކާރުތައް ވައްޓާލުމަށް ކަމަށް ބުނެ، އެ ޤައުމުގައި ވަނީ މި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް އެތަކެއް ނިރުބަވެރި ހަމަލާއެއް ދީފައެވެ.