އަވައްޓެރި އިންޑިއާގައި ބޮޑު ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 43 މީހަކު މަރުވެއްޖެއެވެ.

ވެރިރަށް ދިއްލީގެ ރަނީ ޖަންސީ ސަރަޙައްދުގައި ހުންނަ ދަބަސް އުފައްދާ ފެކްޓަރީއެއްގައި އަލިފާންގަނޑު ރޯވި ކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކުރެވިފައިވަނީ ރޭ ފަތިހު އިންޑިއާ ގަޑިން 05:22 އެހާކަށްހާއިރެވެ. މަޢުލޫމާތު ލިބޭ ގޮތުގައި 6 ބުރިއަށް ހުންނަ އެ ފެކްޓަރީ ޢިމާރާތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ ޢިމާރާތުގެ ބޮޑު ބައެއް ވަނީ އަނދާ އަޅިޔަށް ވެފައެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އަލިފާން ނިއްވާ ފަރާތްތަކާއި، އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯހުގެ ޓީމުތައް އަންނަނީ އެތަނުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. އިންޑިއާ ފުލުހުން ވަނީ އެ ހާދިސާގައި މިހާތަނަށް 43 މީހަކު މަރުވެފައިވާ ކަން ޔަޤީންކޮށްދީފައެވެ.

އެ ޢިމާރާތުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން ޙަރަކާތްތެރިވާ އަލިފާން ނިއްވާ ސްކޮޑުން 50 އަށްވުރެ ގިނަ މީހުން މިހާތަނަށް ޢިމާރާތުން ނެރެގެން، ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިންވެސް ބައެއް މީހުން، ލިބުނު އަނިޔާތަކާ ގުޅިގެން މަރުވެފައިވާ ކަމަށް ޚަބަރުތައް ލިބެއެވެ. ގިނަ މީހުން މަރުވެފައިވަނީ ދުމުގެ އަސަރުކޮށްގެން ނޭވާ ހާސްވެގެން ކަމަށް އެ ހާދިސާ އާއި ގުޅިގެން އެންމެ ގިނަ ބަޔަކު ގެންދެވިފައިވާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"އަލިފާންގަނޑެއް ރޯވެފައިވަނީ 600 ފޫޓުގެ ޢިމާރާތެއްގައި. އަހަރެމެން ދިޔައިރު ޢިމާރާތުގެ އެތެރެ އޮތީ، ރޯވުމުގެ ސަބަބުން ވަރަށް އަނދިރިކޮށް، އެ ޢިމާރާތުގެ ތެރޭގައި ހުރީ ސްކޫލް ކުދިންގެ ދަބަހާއި، ފުޅިއާއި، ބައެއް އެހެން ސާމާނު،" މި ހާދިސާ އާއި ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެމުން އިންޑިއާގެ ޑެޕިއުޓީ ފަޔަރ ޗީފް، ސުނިލް ޗައުދަރީ ކިޔާދިނެވެ.

މި ހާދިސާ އާއި ގުޅިގެން މުޅި އިންޑިއާ އިން ދަނީ ހިތާމަފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަަރުން

    ޙިތާމައިގަ ބައިވެރިވަން...ނަމަވެސް މޯދީއަށް ތައުޒިޔާ ކިޔާވަރެއް ނޫން.އަމިއްލަ ގައުމުގެ ނިކަމެތި ރައްޔިތުންނަށް އަޅާ ނުލާ.އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހި..އެފައިސާ އިންޑިއާގެ ނިކަމެތިންނށް ދިނުން ހައްގު。އަދި މިހާރުން މިހާރަށް ކަޝްމީރުގަ އިއުލާން ކޮށްފައިވާ ކާފިއު އުވާލާ އިންޑިޔާ ސިފައިން ފޭބުމަށް ގޮވާލަން...