ނިއުޒިލެންޑްގެ ރަށެއްގައި ހުރި އަލިފާން ފަރުބަދައެއް ކުއްލިއަކަށް ގޮވުމުން އަލިފާން ފަރުބަދައިން ފޭބި އަޅިތަކުގެ ސަބަބުން ގިނަ ބަޔަކު ގެއްލިއްޖެއެވެ.

ނިއުޒިލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ވައިޓް އައިލެންޑް" ނަމަކަށް ކިޔާ ރަށުގައި ހުންނަ އަލިފާން ފަރުބަދަ ގޮވުމުން 100 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ގެއްލިފައި ވަނީ ގިނައިން ފަތުރުވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ވިދާޅުވީ އަލިފާން ފަރުބަދަ ގޮވުމުން ގެއްލިފައިވާ ފަތުރުވެރިންނަކީ އަލިފާން ފަރުބަދަ އާއި ވަރަށް ގާތުގައި ތިބި މީހުން ކަމަށެވެ. އަލިފާން ފަރުބަދަ ގޮވި ހާދިސާގައި އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ނިއުޒިލެންޑްގެ މީޑިއާތަކުން ބުނާ ގޮތުގައި ވައިޓް އައިލެންޑްގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 12000 ފޫޓް މައްޗަށް ދުމާއި އަޅި ދަނީ އަރަމުންނެވެ.

މި ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެމުން ގެންދިޔައިރު ވެސް ފަތުރުވެރިން އެރަށަށް ދިއުމުގެ ހުއްދަ ދީފައި އޮތީ ކީއްވެތޯ މިހާރު ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އެކަމާއި ބެހޭގޮތުން ކަމާބެހޭ އިދާރާތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ވައިޓް އައިލެންޑް އަކީ ނިއުޒިލެންޑްގެ އެންމެ ގިނަ އެކްޓިވް އަލިފާން ފަރުބަދަ ހުންނަ ރަށެވެ. އެރަށުގައި ހުންނަ އަލިފާން ފަރުބަދަ ތަކުގެ ތެރެއިން 70 އިންސައްތަ ފަރުބަދަ ހުންނަނީ ކަނޑުއަޑީގައެވެ.

ވައިޓް އައިލެންޑް އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް ރަށެކެވެ.