ސައުދީ އަރަބިއްޔާގެ ރެސްޓޯރެންޓްތަކުގައި އަންހެނުންނާއި ފިރިހެނުން ރެސްޓޯރެންޓަށް ވަންނަން ވަކި ދެދޮރު ބެހެއްޓުމާއި، އަދި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ވެސް އަންހެނުންނާއި ފިރިހެނުން ވަކިން ތިބެން ޖެހޭ ގޮތައް އޮތް އޮތުން އުވާލާ، އަންހެނުންނާއި ފިރިހެނުންނަށް އެއްތަނެއްގައި ތިބެގެން ރެސްޓޯރެންޓްތަކުން ހިދުމަތް ހޯދުމުގެ ހުއްދަ ދީފިއެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގެ ރެސްޓޯރެންޓްތަކަށް އަންހެނުންނާއި ފިރިހެނުން ވަންނަން ޖެހެނީ ވަކި ދެދޮރަކުންނެވެ. އަދި ރެސްޓޯރެންޓްގެ އެތެރޭގައި ވެސް އަންހެނުންނާއި ފިރިހެނުންނަށް އެއްތަނެއްގައި ނުތިބެވެއެވެ. އެއީ އާއިލާ މެންބަރުން ކަމަށް ވީނަމަވެސް ދެޖިންސުގެ މީހުން ތިބެން ޖެހެނީ ވަކިންނެވެ.

ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އިން ގެންދަނީ މިފަދަ ސިޔާސަތުތައް އުވާލަމުންނެވެ. މީގެ ކުރިން އެގައުމުން ވަނީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ވެސް ދީފައެވެ. އަދި މަހްރަމުންނާއި ވަކިން އެކަނި ދަތުރު ކުރުމުގެ ހުއްދަ ވެސް ސައުދީ އަންހެނުންނަށް ވަނީ ދީފައެވެ.

ނަމަވެސް ޙައްޤުތަކަށް ވަކާލާތު ކުރާ މީހުން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގައި އަދިވެސް އަންހެނުންނާއި މެދު ތަފާތު ކުރުން ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ވަރަށް ގިނަ ޤާނޫނުތައް އެބަހުއްޓެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހްދު ކަމާއި މުހައްމަދު ބިން ސަލްމާން 2017 ވަނަ އަހަރު ހަވާލުވި ފަހުން އެގައުމަށް ގިނަ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. މުހައްމަދު ސައުދީ އަށް ގެންނަމުންދާ ބަދަލުތަކަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ތާއިދު ވަރަށް ބޮޑަށް ލިބިފައި ވަނިކޮށް މިދިޔަ އަހަރު ޖަމާލް ޚަޝޯޤީ މަރާލި މައްސަލައިގައި މުހައްމަދަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޚަޝޯޤީ މަރާލުމުގައި މުހައްމަދުގެ ބައިވެރިވުމެއް އޮތްކަމަށް ތުރުކީންނާއި އެމެރިކާގެ ރަސްމީ ފަރާތްތަކުން ތުހުމަތު ކުރެއެވެ.