ޗިލީގެ އަސްކަރީ ފްލައިޓެއް 38 މީހުންނާއި އެކު ދަތުރު ކުރަމުން ދަނިކޮށް ގެއްލިއްޖެއެވެ.

ޗިލީގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި އެގައުމުގެ ޕުންޓާ އެރީނާސް އިން ފުރައިގެން ދަތުރު ކުރަމުން ދަނިކޮށް ފްލައިޓް ދަތުރު ކުރަމުން ދިޔައީ ކިންގް ޖޯޖް ނަމަކަށް ކިޔާ އަސްކަރީ ބޭސް އަކަށެވެ. އެއީ އެންޓާޓިކާ ފެށޭ ހިސާބުގައި އޮންނަ އަސްކަރީ ބޭސް އެކެވެ.

ފްލައިޓް އުދުއްސާލީ ޗިލީގެ ގަޑިން 16:55 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން ރޭ މެންދަމު 00:55 އެވެ. ފްލައިޓާއި ގުޅުން ކެނޑުނީ ޗިލީގެ ގަޑިން 18:00 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން ރޭ މެންދަމު 02:00 އެވެ.

ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި ތިބީ 17 ކްރޫންނާއި 21 ފަސެންޖަރުންނެވެ. ފްލައިޓްގައި ތިބި ތިން މީހުން ފިޔަވައި އެހެން އެންމެންނަކީ ވެސް ސިފައިންނެވެ.

ފްލައިޓް ހޯދުމަށް މިހާރު ޗިލީގެ އަސްކަރިއްޔާ އިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ފްލައިޓް ވެއްޓިފައި ވަނީ ކަނޑަށެވެ.

ފްލައިޓާއި ގުޅުން ކެނޑުމުގެ ކުރިން ފްލައިޓަށް އެއްވެސް މައްސަލައެއް ދިމާވި ކަމުގެ މައުލޫމާތު އެއާ ޓްރެފިކް ކޮންޓްރޯލަށް ލިބުނު ކަމެއް އަދި މީޑިއާތަކަށް ވެސް ކަށަވަރެއް ނުވެއެވެ.