އިންޑިއާއާއި ޕާކިސްތާނާ މެދު އެތަނެއްގެ މިލްކުވެރިކަމާ މެދު އެންމެ ބޮޑު ނުތަނަވަސްކަން އުފެދިފައި އޮންނަނީ ކަޝްމީރު ސަރަޙައްދުގެ މިލްކުވެރިކަމާ ބެހޭގޮތުންނެވެ. ނަމަވެސް، ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނަމާދު ނުކުރާތާ 4 މަސްވެފައިވާތީ، އެ ސަރަޙައްދުގެ މުސްލިމުންނަށް ކުރިމަތިކޮށްފައިވާ އުނދަގޫތައް ކުޑަކޮށް ވަޒަންކޮށްލެވެއެވެ.

އިންޑިއާ އިން ބަލަހައްޓަމުން އަންނަ ކަޝްމީރުގެ އެންމެ ބޮޑު ސިޓީ، ސްރީނަގަރްގައި ހުންނަ ޖަމާ މިސްކިތުގައި ހުކުރު ނަމާދު ނުކުރަނީ އޯގަސްޓު މަހުން ފެށިގެން އިންޑިއާ-ޕާކިސްތާންގެ ބަހުގެ ހަމަލާތައް ވަރުގަދަވެ، ދެފަރާތުގެ ސިފައިންގެ މެދުގައި ބޮޑު ކުރިމަތިލުންތަކެއްވެސް ހިނގައި، ބައެއް މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސްރީނަގަރުގެ ބޮޑެތި މިސްކިތްތަކުގައި މުސްލިމުން ހުކުރު ނަމާދު ކުރުން މިހާރު އޮތީ މަނާކޮށްފައެވެ.

ޖަމާ މިސްކިތަކީ މީގެ ކުރިން ހުކުރު ދުވަސް ދުވަހު، އެތައް ހާސް މުސްލިމުން ހުކުރު ނަމާދަށް ދާ މިސްކިތެކެވެ. ނަމަވެސް، މިހާރު ހާލަތު ބަދަލްވެގެން ގޮސް، މި މަހުގެ 6 ވަނަ ދުވަހުގެ ހުކުރު ނަމާދަކީ އެ މިސްކިތުގެ ޖަމާޢަތުގައި ޖެހިޖެހިގެން ހުކުރު ނުކުރެވުނު 17 ވަނަ ފަހަރެވެ. މުސްލިމުންގެ އަޅުކަންތަކަށް ފުރުސަތު ދިނުމަކީ އެ ސަރަޙައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިންޑިއާ އިން ދެކޭ ކަމަށް އެ ސަރަޙައްދުގެ ބައެއް ރައްޔިތުން ދެކެއެވެ.

"ކޮންމެ ފަހަރަކުވެސް ހާލަތު ގޯސްވީމަ، މުސްލިމުން ނަމާދު ކުރަން ދާ ބޮޑެތި މިސްކިތްތައް މިގޮތަށް ބަންދުކުރޭ، އަހަރެމެންގެ ދީނަށް އުޅުމަކީ ޤާނޫނު އަސާސީންވެސް އަހަރެމެންނަށް ލިބިދޭ ހައްގެއް. ނަމަވެސް، އެމީހުން ކަޝްމީރުގައި އަހަރެމެންގެ ހައްގުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުން އެދަނީ." ސްރީނަގަރުގެ ރައްޔިތެއް ކަމަށްވާ، ޚާލިދު ގުރާ ބުންޏެވެ.

ކަޝްމީރުގެ މިސްކިތްތަކުން ބަންގީގެ އަޑު ކަނޑުވާލުމުގެ އިތުރަށް އެ ސަރަޙައްދުގެ އެތައް ދީނީ ޢިލްމުވެރިންތަކެއްވެސް އިންޑިއާ ސަރުކާރުން ހައްޔަރުކޮށްފައިވެއެވެ. އޯގަސްޓު 6 ގެ ފަހުން އިންޑިއާ ސަރުކާރުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ވަނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރެ

    ވަރައް ދެރަ މަސްސަލޭ މީ. ދިވެހިން ކަސްމީރުގެ މުސްލިމުންގެ ހައްގުގާ ދުވާ ކުރަން ޖެހޭ.

    16
    8
  2. ޙަަރުން

    ﷲ ގެ ނަސްރުވަނީ ދާދި ގާތުގަ...

    17
    8