އެމެރިކާ އިނގިރޭސިވިލާތް އަދި ފަރަންސޭސި ވިލާތުން ރޭ އެކަނިވެސް ސީރިއާ އަށް 110 މިސައިލް ފޮނުވާލި ކަމަށް ސީރިއާގެ ސިފައިން ބުނެފިއެވެ.

ސީރިއާގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީރިއާގެ ސަރުކާރާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ދެމުންދާ ހަމަލާތަކުން އެގައުމުގެ ސިފައިން ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ސީރިއާގެ ދައުލަތުގެ ޓީވީއިން ބުނެފައިވަނީ އެމެރިކާ އަދި ގުޅިފައިވާ އިތިހާދުން ފޮނުވާލި 110 ގެ ތެރެއިން ގިނަ މިސައިލް ސީރިއާގެ ސިފައިން އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވައްޓާލާފައިވާ ކަމަށެވެ.

ސީރިޔާ މީޑިއާތަކުން ވަނީ އެ ޤައުމުގެ ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑު އިވިފައިވާކަން ރިޕޯޓްކޮށްފައެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާ ޕެންޓަގަންއަށް މައުލޫމާތުދެމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ބުނެފައިވަނީ މި ހަމަލާތަކުގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ހަމަލާ އަމާޒުވި އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސާޗް ފެސިލިޓީއެއް ކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނަކީ ސީރިއާގެ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭވެސްވަނީ ހަމަލާތަކުގައި އެ ގައުމުތަކުން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާ އަދި ގުޅިފައިވާ އިތިހާދުން ސީރިއާއަށް ހަމަލާދެމުން ދާއިރު ރަޝިއާއިން، އެމެރިކާގައި ހުންނަ އެގައުމުގެ ސަފީރު މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "މި ހަމަލާތަކަށް ރައްދެއް ނުދީ ދޫކޮށް ނުލާނެ" ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ ހަމަލާ ދޭން މިފެށީ ސީރިޔާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިފައިވަނިކޮށެވެ.

ސީރީއާއަށް އެމެރިކާއިން އިސްވެ އޮވެ ހަމަލާ ދެމުން ދާއިރު މި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.