ޕާކިސްތާނުގައި ހިތުގެ ބައްޔަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއްގެ ދޮށަށް 200 އަށްވުރެ ގިނަ ލޯޔަރުން ޖަމާވެ، ހިންގި ހައިޖާނުގެ ތެރެއިން އެ ހޮސްޕިޓަލުގައި ތިބި ހިތްބަލި 3 މީހަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ލޯޔަރުންގެ ޓީމަކުން މިވަރުގެ ދަށުދަރަޖައިގެ ހައިޖާނެއް ހިންގާފައިވަނީ 'ޕަންޖާބް އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީ' ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މައްސަލަތަކެއް ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އިއްޔެގެ ވަގުތެއްގައި 200 އަށްވުރެ ގިނަ ލޯޔަރުން އެ ހޮސްޕިޓަލަށް "އަަރައިގަނެ" އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ބޭރުގައި ތިބި އާއްމުންގެ ދުއްވާ އެއްޗެއްސަށްވެސް ވަނީ ގެއްލުން ދީފައެވެ. އެވަރުން ނުވެގެން، އެމީހުން ވަނީ ޕޮލިސް ވޭނެއްގައިވެސް ރޯކޮށްލާފައެވެ.

މިކަންތައްގަނޑުގެ ތެރެއިން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އައި 3 ބަލިމީހަކު ވަނީ މަރުވެފައެވެ. ލޯޔަރުން އެ ހޮސްޕިޓަލުގައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން މުސްކުޅި އުމުރުގެ އަންހެނަކަށްވެސް ފަރުވާ ދޭނެ ޑޮކްޓަރަކު ނުވެ، އޭނާގެ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ޕަންޖާބު ސަރަޙައްދުގެ ސިއްޙީ ވަޒީރު، ޔާސްމީން ރަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނިގޮތުގައި ލޯޔަރުންގެ ޓީމުން ހޮސްޕިޓަލަށް ވަދެގަނެގެން ޑޮކްޓަރުން ގަޔަށް އަތްލާފައިވެސް ވެއެވެ. ބައެއް ލޯޔަރުން ދަނޑިބުރިން ޑޮކްޓަރުންނަށް ހަމަލާ ދީފައިވާ ކަންވެސް ފުލުހުން ޔަޤީންކޮށްދެއެވެ. މިކަމުގެ ސަބަބުން ބައެއް ބަލިމީހުންގެ އާއިލާތަކަށް އެމީހުންގެ ލޯބިވާ މީހުން އެހެން ހޮސްޕިޓަލްތަކަށް ގެންދަން މަޖުބޫރުވެފައިވެއެވެ.

ޕާކިސްތާނުގެ ލާހޯރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި ލާހޯރުގެ ލޯޔަރުންނާއި ޕަންޖާބް އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ. އެކަމެއް އެންމެ ފުރަތަމަ ފެށުނީ، ލާހޯރުގެ ލޯޔަރަކު އޭނާގެ އާއިލާގެ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔުމުން، ޑޮކްޓަރަކު އޭނާ އަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރުމުންނެވެ.

އެކަމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން ވަނީ ލޯޔަރުން ކުށްވެރިކޮށް، އެމީހުންނާ ބެހޭގޮތުން ވާހަކަ ދައްކައި ވީޑިއޯތަކެއް ހަދާފައެވެ. އިއްޔެގެ ހަމަނުޖެހުން މެދުވެރިވުމަށް ހުޅު ރޯވީ އެ ވީޑިއޯތަކުގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. ލޯޔަރުން ނުކުމެ، ދަށު ދަރަޖައަކަށް ވެއްޓުމުގެ ސަބަބުން ޕާކިސްތާނުގެ އާއްމު ރައްޔިތުންވެސް ވަނީ ރުޅި އަރުވާފައެވެ.

އެ ހާދިސާ ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗައިވާލާ

    200 އެއް ހާ ލޯޔަރުން . ބަލި މީހުންގެ ތެރެއިން 3 މީހުން.

    2
    1