އުމުރުން އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތު ފުލުހަކަށް ކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހު ކަޝްމީރުގެ ވަލުތެރޭގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން އަށް އަހަރުގެ އާސިފާ ބާނޯ މަރާލާފައިވަނީ މަސްތުވާތަކެތި ދިނުމަށްފަހު އެތައް ފަހަރަކު ރޭޕުކޮށް އަނިޔާވެރި ގޮތަކަށް ކަން މިހާރު ވަނީ ތަހުގީގަށް ތިލަވެފައެވެ.

އާސިފާ ވަގަށް ނަގާފައިވަނީ ކަތުއާގައި އޭނާގެ އަސްތަކަށް ކާންދިނުމަށް ޖަންގަލި ތެރެއަށް ވަނުމުންނެވެ. ވަގަށް ނަގައިގެން ގެންގޮސް ފައްޅީގެ ތެރޭގައި ތިން ދުވަސް ވަންދެން ބަހައްޓާފައި ހުރި އިރު އަންހެން ކުއްޖާއަށް މަސްތުވާތަކެތިދީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރޭޕުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ތަހުގީގަށް އެގިފައިވާ ގޮތުގައި ކަރުގައި ހިފާ ހާސްކޮށްލައިގެން މަރާލުމުގެ ކުރިން ތޫނު އެއްޗަކުން އާސިފާއަށް ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށާއި އާސިފާ ފުރާނަ ނެތްކަން ޔަގީން ކުރުމަށް މަރުވި ފަހުން ގަލަކުން އޭނާގެ ބޮލަށް ހަމަލާދީފައިވެއެވެ.

އާސިފާ ރޭޕުކޮށް މަރާލި ކަމުގެ ތުހުމަތު ހިންދޫންގެ މައްޗަށް ކުރެވޭ އިރު އެ މައްސަލަވަނީ ދީނީ ހަމަނުޖެހުންގަނޑަކަށް ބަދަލުވެފައެވެ.

އާސިފާ މަރާލި މައްސަލާގައި މިހާރު ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރޭގައި، އާސިފާ މަރާލާފައި އޮތް ކަތުއާ ޑިސްޓްރިކްޓުގައި ހުން ފައްޅިއެއް ބެލެހެއްޓުމުގައި އިސްކޮށް އުޅޭ މީހެއް ހިމެނެއެވެ.

އަދި އޭނާގެ ދަރިފުޅާއި ކަތުއާގެ ސަބް އިނިސްޕެކްޓަރަކާއި ހާއްސަ ފުލުހުންގެ ދެ މީހަކާއި ކަތުއާގެ ހެޑް ކޮންސްޓްބެލަކާއި އާއްމުންގެ މީހަކުވެސް ވަނީ ހައްޔަރުކޮއްފައެވެ. އެ ހަތް މީހުންނާއި ދެކޮޅަށް ކުރާ ތުހުމަތުތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އެ ހަތް މީހުންގެ ތެރެއިން ސަބް އިނިސްޕެކްޓަރުގެ މައްޗަށް ތުހުމަތު ކުރަނީ އެ މައްސަލައިގެ ހެކި ނައްތާލި ކަމަށެވެ.

އާސިފާ ރޭޕުކޮށް މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން ދޫކުރުމަށް ގޮވާލާ ކުރި މުޒާހަރާއެއްގައި ބީޖޭޕީގެ ދެ މިނިސްޓަރަކު ބައިވެރިވި މައްސަލައެއް ވެސް ވަނީ ހޫނުވެފައެވެ. އަދި އެ މީހުން އިސްތިއުފާ ދިނުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯޑި އަންގާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.