އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބު އެގައުމުގައި މިހާރުވެސް ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީން ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލް އިން ދައްކައިފިއެވެ.

އެގްޒިޓް ޕޯލް އިން ދައްކާފައިވާ ގޮތުގައި ކޮންޒަވޭޓިން ޕާޓީން 368 ގޮނޑި ކާމިޔާބު ކުރާނެއެވެ. މިއީ 86 ގޮނޑީގެ ބޮޑު މެޖޯރިޓީއެކެވެ.

މޯރީ އާއި ސްކައި ނިއުސް އިން އެކުލަވާލާފައިވާ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން އިދިކޮޅު ލޭބާ ޕާޓީއަށް ކާމިޔާބު ކުރެވޭނީ އެންމެ 191 ގޮނޑިއެވެ.

ވިލާތުގެ އިއްތިހާދުން ވަކިވުމާއި ދެކޮޅު އެސްއެންޕީ އިން 55 ގޮނޑި އަދި ޔޫރަޕްގެ އިއްތިހާދުން ވަކިވުމާއި ދެކޮޅު ލިބަރަލް ޑިމޮކްރަޓިކްސް އިން 13 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.

ކޯލިޝަނެއް ނުހަދާ ސަރުކާރެއް އެކުލަވާލުމަށް 325 ގޮނޑި ބޭނުން ވާނެއެވެ. އެއަދަދަށް ކޮންޒަވޭޓިން ގޮނޑު ކަށަވަރު ކުރާނެއެވެ.

އެގްޒިޓް ޕޯލްގެ ނަތީޖާ އާއި އިންތިޚާބުގެ ރަސްމީ ނަތީޖާ ދިމާވެއްޖެނަމަ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ޖަނަވަރީ 31 ގައި ވަކިވާނެ ކަން ކަށަވަރެވެ.'

ބޮޑުވަޒީރު ބޮރިސް ޖޯންސަން ކެމްޕޭން ކުރެއްވީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ރައްޔިތުން ކުރިން ނިންމާފައިވާ ގޮތައް ވިލާތުގެ އިއްތިހާދުން ވަކިވާށެވެ.

މި އިންތިޚާބު ވެގެން ދާނީ 1987 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ކޮންޒަވޭޓިވުން އެންމެ ގިނަ ގޮނޑި ހޯދާ އިންތިޚާބަށެވެ. އަދި މި ނަތީޖާ ވެގެންދާނީ ފާއިތުވި 84 އަހަރުގެ ތެރޭގައި ލޭބާ ޕާޓީ އަށް ލިބޭ އެންމެ ބޮޑު ނާކާމިޔާބަށެވެ. 2017 ވަނަ އަހަރު އޮތް އާއްމު އިންތިޚާބުގައި ލޭބާ ޕާޓީން 262 ގޮނޑި ހޯދިއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ވޯޓް ގުނުން ކުރިއަށް ދާއިރު މިހާތަނަށް ގުނައި ނިމި ނަތީޖާ އިއުލާން ކޮށްފައި ވަނީ އެންމެ 30 ގޮނޑިއެއްގައެވެ. މިހާތަނަށް ނަތީޖާ ލިބުނު ގޮނޑިތަކުގެ ތެރެއިން ނުވަ ގޮނޑި ކޮންޒަވޭޓިވުން ކާމިޔާބު ކޮށްފައި ވާއިރު، އޭގެ ތެރޭގައި މިހާރު ލޭބާ ޕާޓީގެ މެންބަރުން ތިބި ތިން ގޮނޑި ހިމެނެއެވެ. އަދި މިހާތަނަށް ކޮންޒަވޭޓިވުންނަށް އެއްވެސް ގޮނޑިއެއް ނުގެއްލެއެވެ.

ރަސްމީ ނަތީޖާ ލިބުނަސް އިންތިޚާބު ކޮންޒަވޭޓިވުން ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލް އަށް ބިނާކޮށް މީޑިއާތަކުން ޚަބަރު ފަތުރަމުން ގެންދަނީ އިނގިރޭސިވިލާތުގައި އާއްމުކޮށް އެގްޒިޓް ޕޯލްތައް ދިމާވާތީއެވެ.

ފާއިތުވި 101 އަހަރު ލޭބާ އިން ކާމިޔާބު ކުރަމުން އައި ވޯކިންޓޮން ވެސް ކޮންޒަވޭޓިވުން މިފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ.