އެމެރިކާގެ މަޝްހޫރު ވިޔަފާރި ނޫސް، 'ފޯބްސް' އިން ހޮވާ މި އަހަރުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނަކަށް ޖަރުމަންވިލާތުގެ ޗާންސެލަރު، އެންޖެލާ މާކެލް ހޮވިއްޖެއެވެ. މިއީ މާކެލް ޖެހިޖެހިގެން މި މަޤާމް ދެމެހެއްޓި 9 ވަނަ ފަހަރެވެ.

ފޯބްސް އިން ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނާ ހޮވުމަށްޓަކައި ބަލާ ކަންތައްތަކުގެ ތެރޭގައި ސިޔާސަތު، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ރޮނގުން ކުރާ ކަންތައްތަކަށް އެމީހުން ބަލައެވެ. ފޯބްސް ނޫހުން މިފަހަރު މާކެލް އަށް ތަޢުރީފް ކޮށްފައިވަނީ ސީރިޔާގެ މިލިޔަނަކަށްވުރެ ގިނަ ރެފިއުޖީން ޖަރުމަންވިލާތަށް އެތެރެވިޔަ ދިނުމަށް އޭނާ ނިންމެވި ނިންމުމެވެ.

އެންޖެލާ މާކެލް ފާހަގަކުރެވިފައިވަނީ ވިލާތުގެ އެންމެ އެއްބައިވަންތަ ކަމުގެ ނަމޫނާ އެއް ޤައުމު، ޖަރުމަންވިލާތުގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރަން، އެމެރިކާ ކަހަލަ ބޮޑެތި ޤައުމުތައް ކުރިމަތީގަވެސް އެއްވެސް ގޮތަކަށް ދޫ ނުދެއްވާ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ.

ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ރައީސާ، ކްރިސްޓީން ލަގާޑް އުޅެނީ މި ލިސްޓުގެ ދެވަނައިގައެވެ. އޭނާ ވަނީ ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ސީއީއޯގެ މަޤާމްވެސް ފުރާފައެވެ. މިދިޔަ އަހަރު ލަގާޑް އުޅުނީ މި ލިސްޓުގެ 22 ވަނައިގައެވެ.

އެމެރިކާގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ސްޕީކަރ އެއްގެ ގޮތުގައި ހޮވުނު ނެންސީ ޕެލޯސީ އަކީ މި އަހަރުގެ ދުނިޔޭގެ ތިންވަނަ އަށް އެންމެ ނުފޫޒުގަދަ އަންހެނާ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް އަށް ގުޅައިގެން ދެއްކި ވާހަކަތަކެއްގެ މައްސަލައިގައި އޭނާގެ ތަހުގީގެއް ކުރުމުގެ މަސައްކަތް އެޤައުމުގެ މަޖިލިސް ތެރެއިން ފެއްޓީ ވެސް ޕެލޯސީ އެވެ.

ބައިނަލްއަޤްވާމީ ގޮތުން މިއަހަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް އަންހެނަކީ ޒުވާން މޫސުމާބެހޭ އެކްޓިވްސްޓު، ގްރެޓާ ތުންބާގް އެވެ. އެމެރިކާގެ 'ޓައިމްސް' ނޫހުން ހޮވި މިއަހަރުގެ ޝަހުސިއްޔަތަށް، ފޯބްސް ލިސްޓުން ލިބެނީ 100 ވަނަ އެވެ.