ސްޕެއިންގެ ތިންވަނަ ޑިވިޝަންގައި ކުރިން ކުޅުނު ތިން ކުޅުންތެރިއެއްގެ މައްޗަށް ރޭޕްގެ މައްސަލައެއް ސާބިތުވެ، ކޮންމެ މީހެއްގެ މައްޗަށް 38 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އެޤައުމުގެ ކޯޓަކުން އިއްވައިފިއެވެ.

ސްޕެއިންގެ ތިންވަނަ ޑިވިޝަންގެ ޓީމު، އަރަންޑީނާ އެފްސީ އަށް ކުޅުނު މި ކުޅުންތެރިންގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ އެމީހުން ސްޕެއިންގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ އަރަންޑާ ޑި ޑުއޭރޯގައި ފްލެޓެއް ނަގައިގެން އުޅުނު ދުވަސްވަރު 15 އަހަރުގެ އަންހެން ކުއްޖަކު އެމީހުން އުޅުނު އެޕާޓްމެންޓަށް ގެންގޮސް، އެތަނުގެ ލައިޓް ނިއްވުމަށްފަހު އެ ކުއްޖާ ރޭޕްކުރި މައްސަލައެއްގައެވެ.

އެ މައްސަލައިގައި 38 އަހަރުގެ ޖަލު ޙުކުމް އައިސްފައިވަނީ؛ 24 އަހަރުގެ ކާލޮސް ކުއަޑްރާޑޯ، 22 އަހަރުގެ ވިކްޓާ ރޮޑްރިގޭޒްގެ އިތުރުން 19 އަހަރުގެ ރައުލް ކަލްވޯގެ މައްޗަށެވެ. އަރަންޑީނާ އެފްސީ އިން ވަނީ އެ މައްސަލައިގެ ތުހުމަތަށް މި ތިން ކުޅުންތެރިން 2017 ވަނަ އަހަރުގެ ޑިސެމްބަރު ތެރޭގައި ހައްޔަރު ކުރެވުމާ އެކު، އެމީހުން ޓީމުން ވަކިކޮށްފައެވެ.

ސްޕެއިންގެ ދުވަހު ނޫސް، 'އަލް ޕައިސް' އިން މަޢުލޫމާތު ދޭގޮތުގައި އެ ކުއްޖާ އަށް އެމީހުންގެ އެޕާޓްމެންޓަށް އައުމަށް ދަޢުވަތު ދިން އިރު، އެކަހަލަ އެއްވެސް ކަމެއް އެ ކުއްޖާގެ ޙިޔާލަށްވެސް ގެނެސްފައި ނުވާ ކަމަށެވެ. މި ތިން މީހުންވެސް ވަނީ އެ މައްސަލައިގައި އެމީހުންގެ މައްޗަށް ކުރި ދަޢުވާ ތަކަށް އިންކާރު ކޮށްފައެވެ. އަދި އެ ކުއްޖާ އަކީ 15 އަހަރުގެ ކުޑަ ކުއްޖެއް ކަން އެމީހުންނަށް އެނގިފައިނުވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

38 އަހަރުގެ ޖަލު ޙުކުމެއް އަޔަސް، މި ތިން މީހުން އެންމެ ގިނަވެގެން ވެސް ޖަލުގައި ތިބެން ޖެހޭނީ 20 އަހަރަށެވެ. ސަބަބަކީ ސްޕެއިންގައި ހެދިފައިވާ ޤާނޫނުގެ ދަށުން ޖިންސީ ގޯނާގެ މައްސަލަތަކަށް ކަނޑައެޅިފައި އޮންނަ އެންމެ ބޮޑު އަދަބަކީ 20-15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ކަމަށް ވާތީ އެވެ.