އެމެރިކާގެ ފްލޮރިޑާގެ ޕޮލްކް ކައުންޓީގައި މީހެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނުނީ ބޮޑު ކިނބުލެއްގެ ބަނޑުތެރެއިންނެވެ. ނަމަވެސް، އެމީހާ އަސްލު މަރުވެފައިވަނީ ބާރުގަދަ މެތް ޑްރަގަށް އޯވާޑޯޒްވެގެން ކަމަށް އެމީހާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ، މަރު ކޮމިޝަނުން ނިންމައިފިއެވެ.

މައިކަލް ފޯޑްގެ ހަށިގަނޑުގެ ބައިތަކެއް އެންމެ ފުރަތަމަ ފެނިފައިވަނީ ޕޮލްކް ކައުންޓީގެ ޕާކެއްގެ ކައިރިން މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ޕާކްގައި މަސައްކަތް ކުރާ މީހަކަށް ފޯޑްގެ ހަށިގަނޑު ކައިރިން 202 ކިލޯގްރާމް ހުންނަ ކިނބުލެއްގެ އަނގައިން އިންސާނެއްގެ ހަށިގަނޑު ކަމަށް ބެލެވޭ އެއްޗެހިތަކެއްވެސް ފެނިފައިވެއެވެ. އެ މައްސަލައިގައި، އެ ކިނބުލުގެ ބަނޑު ފަޅާލުމަށްފަހު، އެސޮރުގެ ބަނޑުތެރެއިން ފޯޑްގެ ދެއަތާއި، ފަޔެއްގެ ބައިތަކެއް ވަނީ ފެނިފައެވެ.

އެ މައްސަލައިގެ ތަހުގީގު ކުރަމުން ދިޔަ ފަރާތްތަކަށް ފޯޑް މަރުވީ ކިނބޫ އޭނާ ކާލުމުން ކަން އޭރުވެސް ޔަޤީން ނުކުރެވެއެވެ. އޭގެ 5 މަސް ފަހުން، ޕޮލްކް ކައުންޓީގެ މެޑިކަލް އެގްޒަމައިނާ އޮފީހުން ވަނީ ފޯޑް މަރުވީ މެތަމްފެޓަމިން ޑްރަގަށް އޯވާޑޯޒް ވެގެން ކަން އެމީހުން ހެދި އޮޓޮސްޕީގެ ނަތީޖާތަކުން ދައްކާފައިވާކަން ހާމަކޮށްފައެވެ.

ފޯޑް ފެނުނީ އޭނާ ގެއްލިގެން ހޯދާތާ 4 ދުވަސް ފަހުންނެވެ. ޕާކް ކައިރިން ފެނުނުއިރު އޭނާ ދުއްވާ ޓްރަކު ވެސް އެ ސަރަޙައްދުގައި އޮތް ކަމަށް މަޢުލޫމާތު ލިބެއެވެ. މިދިޔަ އަހަރުގެ ތެރޭގައި މެތް ޑްރަގު ފޯޑްގެ އަތުން ފެނުނު މައްސަލައެއްގައި އޭނާގެ މައްޗަށް ޙުކުމެއްވެސް އައިސްފައިވެއެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުމުގެ 10 ދުވަސް ކުރިން، އޭނާ ވަނީ ވައްކަމުގެ ބޮޑު މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައެވެ. އޭނާ އެފަހަރު ދޫކޮށްލާފައިވަނީ 6000 ޑޮލަރު (1 ލައްކަ ރުފިޔާ) ގެ ކަފާލާތުގެ ދަށުންނެވެ.