މުސްލިމް ނޫން މީހުންނަށް ރަށް ވެހިކަން ދޭން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސް ކުރުމުން އެޤައުމުގެ އެކި ހިސާބުތަކުގައި ކުރިއަށްދާ މުޒާހަރާތައް އިތުރަށް ހޫނުވެއްޖެއެވެ.

އިންޑިއާގައި މުޒާހަރާތައް ކުރުން ފެށިފައިވަނީ އެޤައުމުގެ ރަށްވެހިކަމުގެ ޤާނޫނަށް މިމަހުގެ 10 ވަނަ ދުވަހު ގެނެވުނު އިސްލާހާ އެކުގައެވެ. އެ އިސްލާހުގައިވާ ގޮތުން 2014 ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން އެހެން ޤައުމުތަކުން އެތެރެވެގެން އިންޑިއާގައި އުޅޭ ބިދޭސީންގެ ތެރެއިން، މުސްލިމުން ފިޔަވާ އެހެން ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް އިންޑިއާގެ ރަށްވެހިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ރަށްވެހިކަމުގެ ޤާނޫނަށް 200 މިލިއަން މުސްލިމުން ދިރިއުޅޭ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ގެނެސްފައިވާ އިސްލާހަކީ ސީދާ މުސްލިމުންނަށް ކުރި އިހާނާތެއް ކަމަށާއި، އެއީ މުސްލިމުންގެ އާބާދީ ބޮޑު ހިސާބުތަކުން މުސްލިމުންގެ އަޑު ކަނޑުވާލަން ހިންގާ ޖަރީމާއެއް ކަމަށް އިންޑިއާގެ މުސްލިމުން ދެކެއެވެ. އެގޮތުން އެ ޤާނޫނާ ދެކޮޅަށް އެންމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ގެންދަނީ މުސްލިމުންގެ ބޮޑު އާބާދީ އެއް އޮންނަ އައްސާމް ސްޓޭޓުގައެވެ.

މުޒާހަރާގެ އެންމެ ލޭއޮހޮރުން ބޮޑުވެފައިވާ އައްސާމްގައި ވަނީ ކާފިޔު ވެސް އިއުލާން ކޮށްފައެވެ. އައްސާމްގައި ރޭ ބަޔަކު ވަނީ ތެޔޮ ޓޭންކަރެއްގައި ރޯކޮށްލައި، އޭގެ ޑްރައިވަރު ވެސް މަރާލާފައެވެ. އައްސާމްގެ ގުވަހާޓީގައި މީގެ 2 ރޭ ކުރިންވެސް ވަނީ ހަމަނުޖެހުންތަކެއްގައި އިތުރު 2 މީހަކުވެސް މަރާލާފައެވެ. އައްސާމްގެ އިރުއުތުރުގެ ހިސާބުތަކުގައާއި، ހުޅަނގު ބެންގާލުގައި މުޒާހަރާތައް މެދުކެނޑުމެއްނެތި މިހާރުވެސް ކުރިއަށް އެބަދެއެވެ.

ހުޅަނގު ބެންގާލުގައި މިއަދު ކުރި މުޒާހަރާތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެ ހިސާބުގެ 'ސަންކްރެއިލް' ރޭލު ސްޓޭޝަނުގެ ބައެއްގައިވެސް ރޯކޮށްލާފައެވެ. މީގެ އިތުރުން މުޒާހަރާ ހޫނުވެގެން ގޮސް މުޒާހަރާގެ ބައިވެރިން ވަނީ ބައެއް މަގުތައްވެސް ބަންދުކޮށް، ކާރުތަކެއްގައިވެސް ރޯކޮށްލާފައެވެ.

މިއަދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވެސް އެތައް ހާސް ބަޔަކު ވަނީ "ދީނީގޮތުން ތަފާތުކުރުން" ކަމަށް އެމީހުން ދެކޭ، އެ ޤާނޫނާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. ދިއްލީގެ ގިނަ އަދަދެއްގެ ސަރުކާރާއި، ޕްރައިވެޓް ބަސް ތަކެއްގައި ރޯކޮށްލާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކާފިޔުގެ ސަބަބުން މިހާރުވެސް އައްސާމްގެ އޮފީސްތަކާއި، ސްކޫލްތައް ހުރި ބަންދުކޮށްފައެވެ. އައްސާމްގެ އިންޓަނެޓު ޙިދުމަތްވެސް ވަނީ މިއަންނަ ހޯމަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އިންޓަނެޓް މެދުކަނޑާލަން ނިންމާފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ނަފްރަތުގެ މެސެޖުތަކާއި، އިންޒާރުތައް ދިނުން ހުއްޓުވުމުގެ ބޭނުމުގައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލަށް އަދި ޢަމަލް ކުރަން ފަށާފައެއް ނުވެއެވެ. އެ ޤާނޫނަށް އަމަލު ކުރަން ފެށޭނީ އިންޑިއާގެ ރައީސްގެ ސޮއި ލިބުމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔައެނޮނިމަސް

    މި މީހުންނަށް ނޭގެނީ ތަ ރޯ ނުކޮށް މުޒާހަރާ ކުރަން

    1
    25
    • ޙަމަހަމަ

      "މި މީހުންނޭ" ކިޔާފަ ނަސްލީތަފާތުކޮށް އިންޑިޔާމީހުން އުޅޭގޮތްކަމަށް ދައްކާ ދައްކޮށެއް ނުލެވޭނެ. ރާޖޭގަވެސް ، ހުޅަނގުގަވެސް ، ދެކުނުގަވެސް ދުނިޔޭގެ ހުރިހާގައުމަކުވެސް މަސްރަހު ހަލަބޮލިވީމާ ނޭދެވޭ އަމަލު ހިންގާ ބަޔަކު ނުކުންނާނެ.

  2. މޮޔައެނޮނިމަސް

    ދި ވެހިން ދޭނެ ބާ އެހެން ބަޔަކަށް ރަށް ވެހިކަން.ހީހީ ހަލާކު ހު ވާ.އަދި ސައުދީގެ ވާހަކަ.ހޯހޯ ނުދައްކާ

    1
    8
  3. އައްލެއިކަލޯ

    އިންޑިއާ ގައި ދިރިއުޅެނީ ހަމައެކަނި އެތައް ލައްކަ މުސްލިމުންނެއްނޫން -- އެތައް ސަތޭކަ މިލިއަން މުސްލިމުން.