ފިލިޕީންސްއަށް ބާރުގަދަ 13 ބިން ހެލުން އަތުވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ބިން ހެލުންތައް އައިސްފައިވަނީ އެގައުމުގެ ދެކުނުގެ ހިސާބަށް އައި 6.8 މެގްނެޓިޔުޑްގެ ބިންހިލެމެއްގެ ސަބަބުން އައި އާފްޓާ ޝޮކްތަކެއްގެ ގޮތުގައެވެ. ފިލިޕީންސްއަށް އައި ބިންހެލުމުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު މީހުންތައް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އެ ބިން ހެލުން އައިސްފައިވަނީ ފިލިޕީންސްގެ މިންޑަނައޯއަށެވެ. އެޤައުމުގެ ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ދާ މިރަށް އޮތް ސަރަހައްދަށް އައި ބިންހެލުމާއި ގުޅިން ހޮޓާތަކުންނާއި އެކިތަންތަނުން މީހުން ހުސްކުރަމުންދާ މަންޒަރުތައް ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިޔާއަށް އަންނަނީ ޕޯސްޓުކުރަމުންނެވެ. އެގޮތުން ހޮޓަލެއްގެ ސްވިމިން ޕޫލުގެ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފަށާފައެވެ.

އެގައުމުގެ ބައެއް އާންމު ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެރަށުގެ ގިނަ އަދަދެއްގެ ސްކޫލުތައްވެސް ވަނީ ސުންނާފަތިވެފައެވެ. ނަސީބަކުން އެ ކަން ހިނގައިދިޔަ އިރު ސްކޫލުތަކުގައި ދަރިވަރުން ނެތުމުން ހިތާމަވެރި ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޤައުމުގެ ރައީސް ރޮޑްރިގޯ ޑިޔުޓަރޓް ބިންހެލުން އައި ގަޑީގައި އުޅުއްވީ ގޭގައި ކަމަށާއި ނަމަވެސް ރައީސަށް އެއްވެސް ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެވަޑައިގަންފައެވެ.

އެ ބިންހެލުމުގެ ސަބަބުން އިތުރު 12 ބިން ހެލުމެއް އައިސްފައިވާއިރު އެ ބިން ހެލުން އައިސްފައިވަނީ އެއްގަމު ސަރަހައްދަކަށް ކަމަށްވާތީ ސުނާމީއެއް އުފެދުމުގެ ބިރެއް ނެތް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ވަނީ ބުނެފައެވެ.