އެމެރިކާ އިސްވެ އޮވެ ރޭގެ ވަގުތެއްގައި ސީރިއާ އަށް ދިން ހަމަލާ ތަކާއި ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.

ރިޕޯޓުތަށް ބުނާގޮތުގައި މި ބައްދަލުވުމަކީ ރަޝިއާގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ.

އެމެރިކާއިން އިސްވެ ދޭން ފެށި ހަމަލާތަކާއި ގުޅިގެން ރަޝިއާގެ ރައީސް ޕޫޓިން ވަނީ މިހަމަލާތަށް ކުށްވެރިކޮށް މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނު ތަކާއި މިންގަނޑު ތަކާއި ހިލާފަށް ދިން ހަމަލާތަކެއް ކަމަށް ބުނެފައެވެ.

އެމެރިކާ އަދި ގުޅިފައިވާ އިއްތިހާދުން ސީރިއާ އަށް ހަމަލާދެމުން ދާއިރު ރަޝިއާއިން، އެމެރިކާގައި ހުންނަވާ އެގައުމުގެ އެމްބަސެޑަރ މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "މި ހަމަލާތަކަށް ރައްދެއް ނުދީ ދޫކޮށް ނުލާނެ" ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ ހަމަލާ ދޭން މިފެށީ ސީރިޔާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިފައިވަނިކޮށެވެ.

ސީރިއާގެ ދައުލަތުގެ ޓީވީ އިން ބުނެފައިވާ ގޮތުގައި އެމެރިކާ އަދި ގުޅިފައިވާ އިއްތިހާދުން ފޮނުވާލި 110 ވައިގެ ހަމަލާގެ ތެރެއިން ގިނަ މިސައިލް ސީރިއާގެ ސިފައިން އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވަނީ ވައްޓާލާފައެވެ.

 

ސީރީއާ އަށް އެމެރިކާއިން އިސްވެ އޮވެ ހަމަލާ ދެމުން ދާއިރު މި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.