ރޭ ދިން ހަމަލާތަކުގައި ސީރިއާގެ ކެމިކަލް ފެކްޓަރީތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމެރިކާ އިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ޑާނާ ވައިޓް ވިދާޅުވީ ރޭ ކުރިއަށްގެންދިޔަ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި ހަމަލާތައް އަމާޒުކުރަން ބޭނުންވި ހުރިހާ ސަރަހައްދަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.

"ވަރަށް ބެލުމަށްފަހު ހަމަލާތައް ސީދާ ދޭންޖެހޭ ހިސާބުތަކަށް ހަމަލާ ދީފަ ހުންނާނީ. އެކަން ވަރަށް ކާމިޔާބު ކަމާއެކު އަހަރުމެން ކުރިން" ވައިޓް ވިދާޅުވިއެވެ.

ޕެންޓަގަންގެ ޑިރެކްޓަރ އޮފް ޖޮއިންޓް ސްޓާފް ޖެނެރަލް ކެނެތް މެކެންޒީ ވިދާޅުވީ އެމެރިކާ އިން ފޮނުވާލި ހުރިހާ މިސައިލެއް ވެސް އަމާޒުކުރަން ބޭނުންވި ސަރަހައްދުތަކަށް ވާސިލުވި ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ހަމަލާތަކުގެ ސަބަބުން ސީރިޔާގައި ކެމިކަލް ހަތިޔާރު އުފައްދަން ކުރިއަށްގެންދާ ޕްރޮގްރާމް އެތައް އަހަރެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ.

"މި ހަމަލާތަކުގެ ސަބަބުން ސީރިއާގެ ކެމިކަލް އުފައްދާ ފެކްޓަރީތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އަދި ކެމިކަލް ހަތިޔާރު އުފެއްދުމުގެ ގާބިލު ކަމަށްވެސް މީގެއިން ވަރަށް ބޮޑު އަސަރެއް ކުރާނެ. އަހަރުމެން ފޮނުވާލި އެއްވެސް މިސައިލެއް ވައްޓާލެވިފައެއް ނުވޭ. ހުރިހާ މިސައިލުތަކެއް ވެސް އޭގެ އަމާޒަށް ވާސިލުވި" މެކެންޒީ ވިދާޅުވިއެވެ.

އެމެރިކާ އާއި ފްރާންސްގެ އަދި އިނގިރޭސިވިލާތުން ރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 105 މިސައިލް ވަނީ ސީރިއާގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން މީހަކު މަރުވި ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ޕެންޓަގަން އިން ހާމަކުރެއެވެ.

"މިފަދަ ހަމަލާއެއް ކުރިއަށް އޮތް ތަނުގައި ވެސް ދޭން ޖެހިއްޖެނަމަ، ކޮންމެ ވަގުތެއްގައި ވެސް އެމެރިކާގެ އަސްކަރިއްޔާ އޮންނާނީ ތައްޔާރަށް" މެކެންޒީ ވިދާޅުވިއެވެ.

އެމެރިކާ އިސްވެ އޮވެ މި ހަމަލާތައް ދީފައިވަނީ ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދާދިފަހުން ދީފައިވާތީއެވެ.

އެ ހަމަލާގައި 70 މީހަކު މަރުވިއިރު އެ ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ކޮބާ ނިމުނީތަ؟ މުސްކުޅިބެގެ ގްރޫޕް.

  2. ނުރަބޯ

    އެމެރިކާ ސިފައިންގެ ޔުނީފޯމުގެ ކޮނޑުމަތީގައި 1 ތަރި ހުރެއްޖެނަމަ އެއީ ބްރިގޭޑިއަރ ޖެނެރަލެއް 2 ތަރި ހުރެއްޖެނަމަ އެއީ މޭޖަރ ޖެނެރަލެއް 3 ތަރި ހުރެއްޖެ ނަމަ އެއީ ލެފްޓިނެންޓް ޖެނެރަލެއް 4 ތަރި ހުރެއްޖެ ނަމަ އެއީ ޖެނެރަލެއް. ސިފައިންގެ އެންމެ މަތީދަރަޖައިގެ އޮފިސަރުން ނަކީ 4 ތަރީގެ ޖެނެރަލުން. އެމެރިކާ ސިފައިންގެ ހަތިޔާރު އެޅި ހުރިހާ ބާރުތަކެއްގެ ވެރިއަކީ ޖޮއިންޓް ޗީފްއޮފްސްޓާފް ޗެއަރމަން. މިމަގާމުގައި ގިނައިން ހުންނަނީ 4 ތަރީގެ ޖެނެރަލެއް.