އިންޑިއާގެ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ނިންމި ނިންމުމާއި ގުޅިގެން އެގައުމުގެ އެކި ސްޓޭޓްތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އިއްޔެ އެކަނިވެސް ހަމީހަކު މަރާލައިފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އުތްރާ ޕްރަދޭޝްގައި ހިނގާ މުޒާހަރާގެ ތެރެއިން 6 މީހަކު މަރާލައިފައިވާ ކަމަށާއި އަދި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން 32 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު މަރާލައިފައި ވަނީ ފުލުހުން ބަޑި ޖަހައިގެން ކަމަށްވެއެވެ. އެހެން ނަމަވެސް އިއްޔެ ބަޑިޖަހައި އެއްވެސް މީހަކު މަރާލި ކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ އިސްވެރިން ވަނީ ދޮގުކޮށްފައެވެ.

މިހާތަނަށް އިންޑިއާގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 13 އަށް އަރާ ކަމަށް އެގައުމުގެ ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މުޒާހަރާ ކުރަމުންދާ ބައެއް މީހުންގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލާފައި ވާއިރު، އަނެއް ބަޔަކު މަރަނީ ދަނޑިން ތަޅައިގެންނެވެ. އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި އޮންނަނީ ހިންދޫ މެޖޯރިޓީކަމުން މީހަކު މަރުވިއަސް އެކަމުގެ ހަގީގަތް ގިނަ ފަހަރަށް އޮންނަނީ ފޮރުވިފައެވެ.

އެގޮތުން މަރުވި މުސްލިމު ޒުވާނެއްގެ އާއިލާ އިން ބުނާ ގޮތުގައި ފުލުހުން އޭނާ މަރާލީ ގެއިން ނިކުމެގެން ފިހާރަ އަށް ދިޔަ މަގުމަތީ ބަޑި ޖެހުމަށް ފަހުގައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާގެ ގަޔަކަށް ބަޑި ނުޖަހާ ކަމަށްބުނެފައެވެ.

އިންޑިއާގެ ސަރުކާރުން ހީކުރި ގޮތާއި ޙިލާފަށް މުޒާހަރާތަކަށް ނިކުންނަ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުން ދާއިރު، މަރުވާ މީހުންގެ އަދަދު އިތުރުވުމަކީވެސް ސަރުކާރުގެ ނަން ހަޑިވެގެން ދާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

އެ ގައުމުގެ ބައެއް ހިސާބުތަކުގައި މުސްލިމުން މުޒާހަރާ ކުރާއިރު އެހެން ދީންތަކުގެ މީހުން ދަނީ މުސްލިމުންނަށް ވާގިވެރިވެ، ހިމާޔަތްވެސް ދެމުންކަން ފާޙަގަކޮށްލެވެއެވެ. އެހެންކަމުން މޯދީ ފާސްކުރި ގާނޫނާއި އެކު އިންޑިއާގެ މަޝްރަހު އަދި އޮތީ އޭނާ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ.