ޕާކިސްތާނުގެ ހޮސްޕިޓަލުތަކުގެ އިހުމާލުން އެގައުމުގެ 100 އަށް ވުރެ ގިނަ ކުދިންނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި ނިއުސް އިން ބުނެފައިވާ ގޮތުގައި އެކުދިންނަށް އެޗްއައިވީ ޖެހެން މެދުވެރިވެފައިވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރަށް ބޭނުންކޮށްފައި ހުރި އިންޖެންޝަން ބޭނުން ކުރުމުން، އިންފެކްޓުވެފައިވާ ލޭ އެކުދިންގެ ހަށިގަނޑަށް ގޮސްގެން ކަމަށެވެ.

ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ރަޓަޑެރޯގެ 31،239 މީހެއްގެ މެޑިކަލް ރިޕޯޓްތައް ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ވަނީ ދާދި ފަހުން ބަލާފައެވެ. މިހުރިހާ ފަރާތްތަކަކީވެސް އެމީހުން އަމިއްލަޔަށް އެދިގެން އެކަން ކުރަން އިސްނަގައިގެން އައި ފަރާތްތަކެވެ. އެ ރިޕޯޓްތަކުން ދައްކާ ގޮތުގައި 930 ފަރާތްތަކަށް ވަނީ އެޗްއައިވީ ޖެހިފައެވެ. އަދި އޭގެ ތެރޭގައި ހިމެނޭ 763 ފަރާތްތަކަކީ އެއީ 17 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި އޭގެ ތެރޭގައި އުމުރުން 5 އަހަރުން ދަށުގެ ކުދިންވެސް ހިމެނެއެވެ.

ޑޮކްޓަރުންގެ ޓީމުން މިހާރު އަންނަނީ ޕާކިސްތާނުގެ ސަރުކާރަށް އެ ފަރާތްތަކަށް އެޗްއައިވީ ޖެހެން މެދުވެރިވި ސަބަބު ހޯދުމަށް ބާރު އަޅާމުންނެވެ. އެގޮތުން އެފަރާތްތަކުން ވަނީ އެޗްއައިވީ ޖެހެން މެދުވެރިވެފައިވަނީ ކޮން ކަހަލަ ބޭހެއް ނުވަތަ ކޮންކަހަލަ ފަރުވާއެއް ކޮން ހޮސްޕިޓަލަކުން ދީގެންކަން ބެލުމަށް ސަރުކާރަށް ބާރު އަޅާފައެވެ.

މިއީ ޕާކިސްތާނުގައި މިއިން ދުވަހަކުވެސް އެޗްއައިވީ ޖެހިގެން މިހާ ގިނަ ފަރާތްތަކުން ހާއްސަ ގޮތެއްގައި ކުޑަކުދިން ހިމެނޭ ފުރަތަމަ ފަހަރު ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި އެ ސިޓީއަކީ އެފަދަ ކަމަކަށް އެހާ ރަނގަޅު ފަރުވާދެވޭނެ ވަސީލަތްތައް ހުރި ސިޓީއެއް ނޫން ކަމަށްވެސް އެފަރާތުން ބުންޏެވެ.