މެކްސިކޯގެ ދެ ކްރޫޒްޝިޕް ޖެހި ހިނގާދިޔަ ނުރައްކާތެރި ހާދިސާގައި 6 މީހަކަށް އަނިޔާ ވެއްޖެއެވެ.

"ކާނިވަލް ގްލޯރީ" އަދި "ކާނިވަލް ލެޖެންޑް" އަކީ ދުނިޔޭގެ ނަން މަޝްހޫރު ކްރޫޒް ޝިޕުގެ ތެރޭގައި ހިމެނޭ ކާނިވަލް ކްރޫޒް ލައިންގެ ދެ ބޯޓެވެ. މީގެތެރެއިން ކާނިވަލް ގްލޯރީ އަކީ 2980 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި ކާނިވަލް ލެޖެންޑްގައި 2124 މީހުންގެ ޖާގަ އޮވެއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި "ގްލޯރީ" ބަނދަރަށް ވަދެގެން އައި ގޮތަށް ބަނދުރުގައި އަޅާފައިއޮތް "ލެޖެންޑް" ގައި ޖެހި ފުނޑުފުނޑު ވެގެން ދެއެވެ. އެ ވީޑިއޯއިން "ލެޖެންޑް"ގެ ބިއްލޫރިތަކާއި ދޮރުތައް އެއްކޮށް ހަލާކުވެގެންދާތަން ފެނެއެވެ.

މި ދެ ކްރޫޒްޝިޕް އެކްސިޑެންޓްވާ މަންޒަރު ދައްކުވައިދޭ ދެ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އަންނަ އިރު އެއް ވީޑިއޯ ކޮށްފައިވަނީ ބަނދަރު ކައިރީގައި ހުއްޓިގެން ހުރި މީހެކެވެ. އަދި އަނެއް ވީޑިއޯ ކޮށްފައިވަނީ "ލެޖެންޑް" ގައި ހުރި މީހެކެވެ. އޭނާ ހުރީ އެކްސިޑެންޓްވި ވަގުތު އޭގެ އެންމެ މަތީ ބައިގައެވެ.

މި ދެ ކްރޫޒްޝިޕް ވެސް ހިންގަމުން އަންނަ ކްރޫޒް ލައިނާއިން ބުނެފައިވަނީ ދެ ކްރޫޒަށް ލިބުނު ގެއްލުންތައްވެސް މިހާރު ބަލަމުން އަންނަ ކަމަށާއި އެއްވެސް ކްރޫޒެއް އަޑިއަށް ދާވަރަކަށް އެކްސިޑެންޓް ހިނގާފައި ނުވާކަމަށެވެ. އަދި އަނިޔާވި މީހުންނަށް މިހާރު ފަރުވާދީ ދޫކޮށްލާފައިވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.