ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ އެތެރޭގައި މަރާލި ޖަމާލް ޚަޝޯޤީގެ ގާތިލުންގެ މައްޗަށް ހިނގިގެން ދިޔައީ އިންސާފުވެރި ޝަރީޢަތެއް ކަމަށާއި ސައުދީ އަރަބިއްޔާގެ ޝަރުޢީ ދާއިރާ އާއި މެދު އިތުބާރު އެބައޮތް ކަމަށް ޚަޝޯޤީގެ ދަރިފުޅު ސަލާހް ބުނެފިއެވެ.

ޚަޝޯޤީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށާއި އެމައްސަލައިގައި ހިމެނޭ އިތުރު ތިން މީހަކު 24 އަހަރަށް ޖަލަށް ލުމަށް މިއަދު ސައުދީ އަރަބިއްޔާގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ.

ޚަޝޯޤީ އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އާއު ދެކޮޅަށް އެމެރިކާގެ ނޫހެއްގައި ލިޔަމުން އައި ނޫސްވެރިއެކެވެ. އޭނާ މަރާލީ ކައިވެންޏެއް ކުރުމަށް ބޭނުންވާ ލިޔުންތަކެއް ހޯދުމަށް ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމުންނެވެ.

ޚަޝޯޤީގެ މަރާއި ގުޅުން ހުރި އެންމެންގެ މައްޗަށް ޙުކުމް ކޮށްފައިވާ ކަމަށް ސައުދީގެ ޕްރޮސެކިއުޓަރ ޖެނެރަލް މިއަދު ވިދާޅުވި ނަމަވެސް ޚަޝޯޤީ މަރާލުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ސައުދު އަލް ގަހްތާނީގެ މައްޗަށް ޙުކުމެއް އައިސްފައެއް ނުވެއެވެ.

ޚަޝޯޤީ މަރާލުމާއި ގުޅިގެން ގަހްތާނީގެ މައްސަލަ ވެސް ތަޙްޤީޤު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގަހްތާނީ އަކީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޚަޝޯޤީގެ މަރާއި ގުޅިގެން ވަލީއަހްދު މުހައްމަދުގެ މައްޗަށް ވެސް ތުރުކީންނާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތައް ކުރެއެވެ. ނަމަވެސް މުހައްމަދު ވިދާޅުވެފައި ވަނީ ޚަޝޯޤީ މަރާލުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މި

    ޝައްކެއްވެސް ނެތް. މުސްލިމުންގެ އިއްޒަތު ސައޫދީ އަކީ ހުރިހާ އެންމެނަށް ވެސް ހައްގު ތައް ބަރާބރަށް ލިބޭނެ އަމާން ފާގަތި ގައުމެއް

    5
    3