މެކްސިކޯގެ ދެކުނު ބޯޑަރުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ޗިއަޕަސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ސްޓޭޓަށް މިރޭ މި ބިންހެލުން އައިސްފައި ވަނީ ރާއްޖެގަޑިން 9:52 ހާއިރު އެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި، މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.8 އަށް އަރައެވެ.

އެ އިދާރާއިން ބުނާގޮތުގައި މި ބިންހެލުން އައިސްފައިވަނީ ޗިއަޕާސްގެ ދެކުނު ބޯޑަރު ކައިރިން، ބިމުގެ 30 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުމުގެ ލޮޅުންތައް ޗިއަޕަސްގެ ބޮޑު ސަރަޙައްދަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނާއިރު، އެ ސްޓޭޓާއި އިންވެގެން އޮންނަ ގުއަޓަމާލާގެ އުތުރު ބޯޑަރު ސަރަޙައްދުގެ ބައެއް ހިސާބުތަކަށްވެސް ލޮޅުންތައް އައިސްފައިވާ ކަމަށް ވެއެވެ.

މި ބިންހެލުމާއި ގުޅިގެން ލިބުނީ ކިހައިވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް އިދާރާއަކުން ނެރެފައެއް ނުވެއެވެ.

މިރޭ ބިންހެލުން އައި ޗިއަޕަސް ސްޓޭޓަކީ 2017 ވަނަ އަހަރު އާދަޔާއި ޚިލާފު ބާރުމިނެއްގައި ބިންހެލުމެއް އައިސްފައިވާ ސްޓޭޓެކެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެ ސަރަޙައްދަށް އައި ބިންހެލުމުގެ ބާރުމިން، ރެކްޓަރ މިންގަނޑުން 8.2 އަށް އަރާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ. އެ ބިންހެލުމަށްފަހު ހަތަރު ހާހާއި ގާތްކުރާ އަދަދަކަށް އެ ސަރަޙައްދަށް ލޮޅުންތައް (އާފްޓަޝޮކް) އައިސްފައި ވެއެވެ.

މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުވެސް، މި ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ.

ޗިއަޕަސް ހިމެނޭ ސަރަޙައްދަކީ ގިނަ އަދަދެއްގެ ފަރުބަދަތައް ހިމެނޭ ސަރަހައްދެކެވެ. އާންމު ގޮތެއްގައި މި ސަރަޙައްދަށް ބާރުގަދަ ބިންހެލުން އަންނަމުން ދަނީ މި ސަބަބާއި ގުޅިގެން ކަމަށް ވަނީ ބެލެވިފައެވެ.