ސީރިޔާގެ ސުންނީ މުސްލިމުންނާއި ދެކޮޅަށް، އެޤައުމުގެ ސަރުކާރުން ކުރާ ހަނގުރާމައިގައި ބައިވެރިވާ އީރާނުގެ ހަނގުރާމަވެރިންނާއި އަފްޣާނިސްތާނުގެ ޝީއީ ހަނގުރާމަވެރިން ތިބޭ އަސްކަރީ މަރުކަޒެއްގެ ކައިރީގައި ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ.

މިކަން ހާމަކޮށް އިނގިރޭސިވިލާތުގައި ޤާއިމްކޮށްފައި ހުންނަ ސީރިއަން އޮބްޒަވޭޓްރީން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގޭކަމަށެވެ.

ސީރިޔާގެ ހަލަބާއި ދުރު ނޫން ހިސާބެއްގައި ޤާއިމްކޮށްފައިވާ މި އަސްކަރީ މަރުކަޒުގައި ގޮވުމެއް ގޮވާފައި މިވަނީ، އެމެރިކާ އާއި ގުޅިފައިވާ ބައެއް ޤައުމުތަކުން ސީރިޔާގެ ސަރުކާރަށް ވާގިވެރިވާ ސިފައިންނަށް އަމާޒުކޮށް ވައިގެ މަގުން ޙަމަލާ ދީފައިވަނިކޮށެވެ.

ނަމަވެސް ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާޢާތްތަކަށް ސީރިޔާގައި ޙަރަކާތްތެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެޤައުމުގެ ސަރުކާރުން ދީފައިވާ މި އަސްކަރީ މަރުކަޒުގައި ހިނގި ގޮވުމާއި އެމެރިކާގެ ވައިގެ ޙަމަލާތަކާއި ގުޅުމެއްވާކަމެއް އަދި އެނގިފައެއް ނުވެއެވެ.

ސީރިއާގެ ދައުލަތުގެ ޓީވީއިން ބުނެފައިވަނީ އެމެރިކާ އަދި ގުޅިފައިވާ ގައުމު ތަކުން ފޮނުވާލި 110 މިސައިލުގެ ތެރެއިން ގިނަ މިސައިލް ސީރިއާގެ ސިފައިން، އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވައްޓާލާފައިވާ ކަމަށެވެ. އަދި އެއީ ބޭކާރު ޙަމަލާތަކެއް ކަމަށް އެޤައުމުގެ ރައީސް ބަޝާރު އަލް އަސަދު ވަނީ ބުނެފައެވެ.

އެމެރިކާއިން އިއްޔެ ހެނދުނު ސީރިޔާއަށް ޙަމަލާދޭން ފެށިއިރު، އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނީ، "މިޝަން ކާމިޔާބު" ކަަމަށެވެ. އެ ޙަމަލާތަކުގައި ސީރިޔާގައި ކެމިކަލް ހަތިޔާރު ރައްކާކޮށްފައިވާ ސެންޓަރުތަކެއް ގޮއްވާލެވިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާ އަދި ގުޅިފައިވާ ގައުމުތަކުން ސީރިއާއަށް ހަމަލާދެމުން ދާއިރު، ސީރިޔާގެ ހައްދުފަހަނައަޅާފައިވާ ބަޝާރުގެ ސަރުކާރަށް އެހީތެރިވާ ރަޝިއާއިން ބުނެފައިވަނީ އެ ޙަމަލާތަކަށް ރައްދެއް ނުދީ ދޫކޮށް ނުލާނެކަމަށެވެ. އެމެރިކާ އިސްވެއޮވެ ސީރިޔާއަށް ހަމަލާ ދޭން ފެށީ ސީރިޔާގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ދިން ކެމިކަލް ޙަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިއެދި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ

    ﷲ އަކްބަރު

  2. އެމެންނޭ

    އިރާނޭމެން ފޮހެލަންވީއެވެ

  3. ޒާ

    ވަގުތު ނޫހުން ވަރަށް ބޮޑަށް އެމެރިކާގެ ކޮޅަށް ޖެހި އެމީހުން ބޭނުންކުރާފަދަ ބަސްތައް މުސްލިމުންނާ ދެކޮޅަށް ލިޔަމުންދާކަން ފާހަގަ ކުރަން.

  4. ސޯދުބެ

    ސަޢޫދު ބައިގަނޑަށްވުރެ އީރާން ރަނގަޅު... އެމީހުން ނޫޅޭ އިޒްރޭލް ވެގަނެގެން... އެޒްރޭލާ ގާތްވާ ކޮންމެ މީހަކީ އަހަރުމެންގެ ދުޝްމަނުން..