ސީރިއާ ސަރުކާރާއި ދެކޮޅަށް ހަމަލާ ދިނުމަށް ކަނޑައެޅި މަގްސަދު ހާސިލްވެއްޖެ ކަމަށާއި، ސީރިއާއަށް ހަމަލާ ދިނުމުގެ މަގުސަދު ވަރަށް ފުރިހަމަ ކަމާއެކު ތަންފީޒު ކުރެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް ކުރި ޓްވީޓެއްގައި އޭނާ ބުނީ، ސީރިއާ އަށް ދެވުނު އަސްކަރީ ހަމަލާއިން ވަރަށް ފުރިހަމަ ނަތިޖާއެއް ހާސިލުވެއްޖެ ކަމަށެވެ. އެހެންކަމުން، ހަމަލާ ދިނުމުގައި އެމެރިކާ ސިފައިންނާއެކު ބައިވެރިވި ފަރަންސޭސި އަދި އިނގިރޭސި ސިފައިންގެ ހިކުމަތަށާއި، ބާރުވެރިކަމަށް ޓްރަމްޕް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓްރަމްޕްގެ ޓްވީޓްގެ ފަހުން، އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންގެ ތަރުޖަމާނު ޑާނާ ވައިޓް ބުނީ އަސްކަރީ ހަމަލާ ދިނުމަށް ކަނޑައެޅި ހުރިހާ އަމާޒުތަކަށްވެސް ކާމިޔާބު ކަމާއެކު ހަމަލާތައް ދެވުނު ކަމަށެވެ.

ސީރިއާގެ ދައުލަތުގެ ޓީވީ އިން ބުނެފައިވަނީ އެމެރިކާ އަދި ގުޅިފައިވާ އިތިހާދުން ފޮނުވާލި 110 މިސައިލްގެ ތެރެއިން ގިނަ މިސައިލް ސީރިއާގެ ސިފައިން އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވައްޓާލާފައިވާ ކަމަށެވެ.

ސީރިޔާ މީޑިއާތަކުން ވަނީ އެ ޤައުމުގެ ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ރިޕޯޓްކޮށްފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާ ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ހަމަލާ އަމާޒުވި އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނަކީ ސީރިއާގެ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭވެސްވަނީ ހަމަލާތަކުގައި އެ ގައުމުތަކުން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ސީރީއާ އެމެރިކާއިން އިސްވެ އޮވެ ހަމަލާ ދީފައިވާއިރު މި ހަމަލާގައި 3 މީހަކު ޒަހަމުވި ކަމަށް ވަނީ ރިޕޯޓުތަށް ލިބިފައެވެ.