ސޯމާލިޔާގެ އެއަރޕޯޓެއްގައި އޮތް އެކުވެރި އަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަތިންދާބޯޓެއް ފުރިޔަ ނުދީ ސޯމާލިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓައިފިއެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަތިންދާބޯޓު ހިފަހައްޓާފައިވަނީ ސޯމާލިޔާގެ ބޮސާއޯ އެއަރޕޯޓުންނެވެ. އެހެންނަމަވެސް، ހިފަހައްޓާފައިވަނީ ޔޫއޭއީގެ ކޮން އެއަރލައިނެއްގެ މަތިންދާބޯޓެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ސޯމާލިޔާގައި ހިންގަމުންދާ "މަރީގު" ނަމަކަށް ކިޔާ ނޫހަކުން ބުނެފައިވާ ގޮތުގައި މި މަތިންދާބޯޓު ފުރިޔަ ނުދީ ހިފަހައްޓާފައިވަނީ، އޭގައި ތިބި ޔޫއޭއީގެ ދެ އަސްކަރީ ޓްރެއިނަރުން، އެމީހުންގެ ދަބަސް ބަލާ ފާސްކުރަން ނުދިނުމުންނެވެ. އަދި، އެމީހުންގެ ދަބަސް، ފްލައިޓަށް އެރުވޭ ވަރަށް ވުރެ ބަރުކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޔޫއޭއީގެ ފޮރިން މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައި ނުވާކަމަށް "އަލް ޖަޒީރާ" އިން ބުނެފައިވެއެވެ. އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި ދާދިފަހުން ސޯމާލިޔާގެ އެއަރޕޯޓަކަށް ޖެއްސި ފްލައިޓަކުން ގިނަ އަދަދެއްގެ ފައިސާ ސޯމާލިޔާއިން އަތުލައިގަނެފައިވެއެވެ. އަދި، މިއީ އަބޫ ދާބީ އިން ފުރައިން ދިޔަ މަތިންދާބޯޓެއްކަމަށް ބުނެފައިވެއެވެ.

ފައިސާތައް އަތުލައިގަތް މައްސަލައިގައި ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ބަޑި ޖައްސައިގެން، އިންޒާރު ދީގެންކަމަށެވެ. އަދި، ޤައުމެއްގެ އެންމެ ނާޒުކު ވަގުތު އެހީތެރިވި މިތުރަކަށް، ސޯމާލިޔާ އިން ޖައްސާފައިވަނީ ނުޙައްޤު އުނދަގޫތަކެއްކަމަށް ޔޫއޭއީ އިން އޭރު ބުނެފައިވެއެވެ.

ސޯމާލިޔާ އަކީ ދުނިޔޭގައި އޮތް އެންމެ ފަޤީރު އެއް ޤައުމެވެ.