އީރާންގެ ނިއުކްލިއާ ޕަވާ ޕްލާންޓެއް ހުންނަ ސަރަޙައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ މިއަދި ހެނދުނުގެ ވަގުތެއްގައި، އީރާންގެ ދެކުނު އައްސޭރީގައި ހުންނަ ބުޝަރ ނިއުކްލިއާ ސްޓޭޝަން ހުންނަ ސަރަޙައްދަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިން، ރެކްޓަރ މިންގަނޑުން 5.1 އަށް އަރައެވެ. އަދި ބިންހެލުން އައިސްފައި ވަނީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ބުޝަރ ނިއުކްލިއާ ޕްލާންޓަށް ގެއްލުމެއް ލިބުނު ކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް އީރާންގެ ކަމާއި ބެހޭ އިދާރާތަކުން، މި ބިންހެލުމަށްފަހު އެ ޕްލާންޓަށް ގެއްލުމެއް ލިބި، ކައިރީގައިވާ އަވަށްތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އެތަން ބަލަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.

އާންމު ގޮތެއްގައި ކުދި ބިންހެލުންތަކުގައި ވެސް މިފަދަ ނިއުކްލިއާ ޕްލާންޓުތަކަށް ބޮޑެތި ގެއްލުންތައް ލިބި އެކަމުގެ ސަބަބުން ނުރައްކާތެރި ހާލަތުތައް މެދުވެރިވާން ދިމާވެއެވެ. މީގެ ކުރިން ޖަޕާނުގެ ނިއުކްލިއާ ޕްލާންޓެއް ހުރި ސަރަޙައްދަކަށްވެސް ބިންހެލުމެއް އައުމުގެ ސަބަބުން ކައިރި ހިސާބުތަކުގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ނުރައްކާ ކުރިމަތި ވިއެވެ.