ތައިލެންޑްގެ ހޮހޮޅައެއްގައި މިދިޔަ އަހަރު ތާށިވި ފުޓްބޯޅަ ޓީމާއި އެޓީމްގެ ކޯޗް ސަލާމަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ތައިލެންޑް ސިފައިންގެ "ސީލް" ލަޝްކަރުގައި ހިމެނޭ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

ބެއިރެތު ބްރީރަކް ނަމަކަށް ކިޔާ ސިފައިންގެ މީހާ މަރުވީ ހޮހޮޅައިގައި ތިބި ކުދިން ސަލާމަތް ކުރުމުގެ ތެރޭގައި އޭނާގެ ލޭގައި އުފެދުނު އިންފެކްޝަނަކަށް އެހައި ދުވަހުން ފެށިގެން ފަރުވާ ކުރަމުން އަންނަނިކޮށެވެ.

ތައިލެންޑްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އޮފިސަރ ބެއިރެތު އަށް ފަރުވާ ދެމުން އައި ނަމަވެސް ހާލަތު ގޯސްވެ، މިއަދު މަރުވެފައިވާ ކަމަށެވެ.

ހޮހޮޅައިން ކުދިން ސަލާމަތް ކުރުމުގައި އުޅުނު އަސްކަރިއްޔާގެ އިތުރު ޑައިވަރެއް ކަމަށްވާ ސަމަން ކުމަން ވެސް ވަނީ މީގެ ކުރިން މަރުވެފައެވެ.

"ވައިލްޑް ބޯސް" ނަމަކަށް ކިޔާ އެކަޑާމީގެ 12 ކުދިންނާއި އެމީހުން ކޯޗް ޗިއަންގް ރާއި ޕްރޮވިންސްގެ ތަމް ލުއަންގް ހޮހޮޅައަށް ވަނީ 2018 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. އެމީހުން ހޮހޮޅައަށް ވަންފަހުން ހޮހޮޅައިގައި ފެންބޮޑުވެ ބޭރަށް ނިކުމެވޭނެ ގޮތެއް ނެތި ހޮހޮޅައިގައި ތާށިވިއެވެ.

ކުދިންނާއި ކޯޗް ހޮހޮޅައިގައި ތާށިވެފައި ތިބި ހިސާބަށް ޑައިވަރުންނަށް ދެވުނީ ވެސް ނުވަ ދުވަސް ފަހުންނެވެ. ހުރިހާ ކުދިންނާއި ކޯޗް ސަލާމަތުން ހޮހޮޅައިން ނެރެވުނީ ހޮހޮޅައިގައި ތާށިވިތާ ގާތްގަނޑަކަށް އެއްމަސް ދުވަސް ފަހުންނެވެ.

ކުދިންނާއި ކޯޗް ސަލާމަތް ކުރަން ހިންގި ވަރުގަދަ އޮޕަރޭޝަންގައި ތައިލެންޑް ސިފައިންގެ އިތުރުން ވޮލެންޓިއާ ކޮށްގެން ދުނިޔޭގެ ތަޖުރިބާކާރު އެތައް ޑައިވަރުންނެއް ބައިވެރިވިއެވެ. އެ އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.