އަވައްޓެރި ސްރީލަންކާގައި އެއް އާއިލާއެއްގެ ތިން މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ، އެޤައުމަށް ނިސްބަތްވާ ދެމަފިރިއަކާއި އެމީހުންގެ އަންހެން ދަރިފުޅެވެ.

ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ތިން މީހުން ކަރަންޓުގައި ޖެހުނީ، އެމީހުން ދިރިއުޅޭ ގެ ހުންނަ ގުރަލަވެލާ ސަރަޙައްދުގައި އޮތް ބާރުގަދަ ކަރަންޓު ހުރި ކޭބަލެއްގައި ޖެހިގެން ކަމަށެވެ. އެ ހާދިސާ ހިނގުމާއެކު ތިން މީހުންވެސް ވަގުތުން ވަނީ މަރުވެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ކަރަންޓުގައި ޖެހުނީ ފިރިހެން މީހާއެވެ. އޭނާ ގެ ކައިރީގައި ހުރި ރުކަކަށް އަރަން އުޅެނިކޮށް ކަރަންޓު ކޭބަލްގައި ޖެހިގެން މަރުވިއިރު، އޭނާގެ އަނބިމީހާ އާއި އަންހެން ދަރިފުޅު މަރުވީ އޭނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

ރޭ ހިނގި މި ހާދިސާ ގުރުލަވެލާގެ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ލަންކާގައި މީގެ ކުރިންވެސް އެޤައުމުގެ އެކި ސަރަޙައްދުތަކުގައި އަޅާފައި ހުންނަ މިފަދަ ކަރަންޓު ކޭބަލްތަކުގައި ޖެހި މީހުން މަރުވެފައި ވެއެވެ. އާންމު ގޮތެއްގައި އެ ޤައުމުގެ ހުރިހައި ހިސާބެއްގައި ވެސް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ކޭބަލްތައް ހުންނަނީ ހޮޅިދަނޑިން ގުޅުވައި ދިހަ ފޫޓު އުހުގައެވެ.