އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފަތުރުގެ ޙަރަދު 20 ބިލިއަން ރުޕީސް އަށް އަރައިފިއެވެ.

2014ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް މޯދީ އެކި ގައުމުތަކަށާއި އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރުކުރުމަށްޓަކައި ހޭދަކުރި އަދަދު 20 ބިލިއަން ރުޕީސް އަށް އަރާފައި ވާއިރު މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެ ހުންނެވި މަންމޯހަން ސިންގު 5 އަހަރު ތެރޭގައި ދަތުރުފަތުރުގެ ޙަރަދަށް އަރާފައި ވަނީ 13.46 ބިލިއަން ރުޕީސްއެވެ.

ދެ ބޮޑުވަޒީރުން ދަތުރުތަކަށް ކޮށްފައިވާ ޙަރަދުގައި ބޮޑު ފަރަގެއް އޮތްއިރު، މިއަދާއި ހަމައަށް މޯދީ ވަނީ 92 ގައުމަކަށް ޒިޔާރަށް ކޮށްފައެވެ. ނަމަވެސް މަންމޯހަން ސިންގު 13.46 ބިލިއަން ޙަރަދުކޮށްގެން 93 ގައުމަކަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯދީގެ ދަތުރުފަތުރުގެ ޙަރަދުތައް ހާމަވުމުން އިންޑިއާގެ ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަމުން އަންނަ މި ދަނޑިވަޅުގައި ސަރުކާރުން ބުނަމުން އަންނަނީ ގައުމުތަކަށް ޒިޔާރަތް ކޮށްގެން ގައުމަށް ލިބޭ އާމްދަނީ އިތުރުވާ ކަމަށެވެ. ނަމަވެސް އެ ގައުމުގެ ރިޕޯޓުތައް ދައްކާގޮތުން މޯދީ ކޮށްފައިވާ ޙަރަދާއި އަޅާ ބަލާއިރު ގައުމަށް ވަތް އާމްދަނީވެސް ވަކި އިތުރެއް ނޫނެވެ.

މޯދީ މިހައިތަނަށް މިވަރު ޙަރަދުކޮށްފައި ވީނަމަވެސް، މި އަދަދު އަދި ބޮޑުތަނުން އިތުރުވާނޭ ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ. އިންޑިއާގެ ބޮޑު ވަޒީރު ކަމާއި މޯދީ ހަވާލުވުމަށް ފަހު ޙާއްސަ އިސްކަމެއް ދީގެން މުސްލިމުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވަނީ އިސްރާއިލް ފަދަ ގައުމުތަކާއިވެސް ގާތް ގުޅުމެއް ބިނާކޮށްފައެވެ.