މިޔަންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރި އަމަލުތަކަށް ކެތްނުކުރެވިގެން ބަންގުލަދޭޝް އަށް ހިޖުރަކުރި ގިނަ އަދަދެއްގެ ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ތެރެއިން އެއް އާއިލާ، އެނބުރި މިޔަންމާ އަށް ގޮސްފިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި އާއިލާ މިޔަންމާ އަށް ދިޔުމަށް ގޮސްފައިވަނީ އެޤައުމުގެ އަނިޔާވެރި އަދި ބޭއިންސާފު ސަރުކާރުން ހަދާފައިވާ ރިޕާޓްރިއޭޝަން ކޭމްޕަކަށެވެ. މިކަން، އެޤައުމުގެ ސަރުކާރާ ހަވާލާދީ ބައެއް ބައިނަލްއަޤުވާމީ ނޫސްތަކުން ކަށަވަރުވެސްކޮށްފައިވެއެވެ.

މިޔަންމާ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން، ޖެހިގެން އޮތް ބަނގުލަދޭޝް އަށް ހަތް ލައްކައަށްވުރެ ގިނަ ރޮހިންޖާ ދަރިކޮޅުގެ މީހުން، ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވެއެވެ. ބޯ ޖަންގަލިތަކުގެ ތެރެއިން ލައިފައި، ފުން ކޯރެއް ހުރަސްކުރުމަށްފަހު، އެފަރާތްތަކުން ގޮސްފައިވަނީ ބަނގުލަދޭޝްގެ ކޮކްސް ބާޒާރަށެވެ.

ކޮކްސް ބާޒާރަށް ހިޖުރަކޮށްފައިވާ ގިނަ އަދަދެއްގެ މީހުންނަށް ބޭނުންވާ ވަސީލަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމުގައި ދަތިތަކެއްވެސް ކުރިމަތިވެފައިވާއިރު، ގިނަ އަދަދެއް ބައިނަލްއަޤުވާމީ ޖަމާއަތްތަކުންވެސް، އެސަރަޙައްދުގައި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމައެހެންމެ، ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ކޮކްސް ބާޒާރުގައި ރެފިއުޖީން ބޭތިއްބެން ނެތްކަމަށް، ބަނގުލަދޭޝްގެ ސަރުކާރުންވެސް ވިދާޅުވެފައިވެއެވެ.