ފްރާންސްގެ ވެރިރަށް ޕެރިސްގައި ގިނަ ބަޔަކަށް ވަޅިން ހަމަލާދީފިއެވެ.

މި ހަމަލާތައް ދީފައި ވަނީ އެންމެ މީހަކު ކަމުގައި ވާއިރު ހަމަލާތަކުގެ ސަބަބުން އެކަކު މަރުވެ، އިތުރު ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ފްރާންސުގެ ފުލުހުން ވަނީ މި ހަމަލާތައް ދިން މީހާ އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށް ހަމަލާ ދިނުމުގެ ކުރިން އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި ދެމީހެއްގެ ހާލު ސީރިއަސް ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.

ހަމަލާ ދިނީ ޕާކެއްގެ ތެރޭގައި ހުރި މީހެކެވެ. އޭނާ ވަނީ ކައިރީގައި ތިބި މީހުންނަށް ކުއްލިއަކަށް ވަޅިން ހަމަލާ ދޭން ފަށާފައެވެ.

ވަޅިމް ހަމަލާ ދިން މީހާގެ ގަޔަށް ފުލުހުން ވަނީ އެތައް ފަހަރަކު ބަޑި ޖަހާފައެވެ. ފުލުހުން ބުނީ އެއް ފަހަރަށް ވުރެ ގިނައިން އޭނާގެ ގަޔަށް ބަޑި ޖެހީ ބޮން ހަރުކޮށްފައި އޮތް ބެލްޓެއް އޭނާ ހަރުކޮށްގެން ހުރި ކަމަށް ލަފާކުރެވިގެންނެވެ. ނަމަވެސް އޭނާ މަރުވުމުން ބެލިއިރު އެފަދަ ބެލްޓެއް އޭނާގެ ގަޔަކު ނެތެވެ.

ވަޅިން މީހުންނަށް ހަމަލާ ދިނީ ކޮންނަމެއް ކިޔާ ކާކު ކަމެއް އަދި ފްރާންސް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އޭނާ ހަމަލާ ދިނީ ކީއްވެ ކަން ވެސް އަދި ނޭނގޭ ކަމަށެވެ.

ވަޅިން ދިން ހަމަލާ އާއި ގުޅިގެން ޕެރިހުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ނަމަވެސް ފުލުހުން ބުނީ އިތުރު ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރެއް އަދި ލިބިފައި ނެތް ކަމަށެވެ.