އީރާންގެ އަސްކަރީ އިސް ޖެނެރަލެއް ކަމަށްވާ ސުލައިމާން އަވަހާރަކޮށްލުމުން އީރާނުން އެކަމުގެ ބަދަލު ހިފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އިސްރާއީލްގެ އިންސްޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީސް (އައިއެންއެސްއެސް) ގެ ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.

އައިއެންއެސްއެސްގެ ރިޕޯޓްގައި ބުނީ އެމެރިކާގެ ކިބައިން ބަދަލު ހިފަން އީރާނުން ދޭ ހަމަލާގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކަށް ވެގެން ދާނީ އިސްރާއީލް ކަމަށާއި އެއީ އިސްރާއީލްގެ ގައުމީ ސަލާމަތައް އޮތް ބިރުވެރިކަމެއްގެ އިތުރުން ގައުމުގެ ސަރުކާރެއް ދެމެހެއްޓުމަށް ވެސް ދަތިވާނެ ކަމެއް ކަމަށެވެ.

އައިއެންއެސްއެސްގެ ރިޕޯޓްގައި ކުރިއަށް އޮތް ތަނުގައި އިސްރާއީލަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ފާހަގަ ކޮށްފައި ވަނީ އީރާނެވެ. އީރާނުން ސީރިއާގެ ސަރުކާރު މައްޗަށް ވެސް ބާރު ފޯރުވުން އިތުރު ކުރާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ވެސް އިސްރާއީލަށް ނުރައްކާ ވާނެ ކަމަށް ރިޕޯޓްގައި ވެއެވެ. ދެން އިސްރާއީލަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ ހަމާސް ޖަމާޢަތާއި ހިޒްބުﷲ އެވެ.

"ހިޒްބުﷲ ގެ ބާރު ދަނީ ގަދަވަމުންނެވެ. އެޖަމާޢަތުން ހޯދާފައިވާ ހަތިޔާރުތަކާއި އުފައްދާފައިވާ ހަތިޔާރުތަކުގެ ބާރުވެސް ކުރިއަށް ވުރެ މިހާރު ގަދައެވެ. ހަމާސް ޖަމާޢަތުގެ ނުރައްކާ ބޮޑު ނަމަވެސް ފަހަކަށް އައިސް ހަމާސް ޖަމާޢަތުން ކޮންމެވެސް ވަރަކަށް އިސްރާއީލާއި މަޝްވަރާ ކުރެވޭ ވަރަށް ކަންތައްތައް ވަމުންދާ ކަމަށް ބެލެވެއެވެ. ނަމަވެސް އޭގެ މާނައަކީ ހަމާސްގެ ނުރައްކާ ކުޑަވަމުން އައުމެއް ނޫނެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އިސްރާއީލަށް ފަހިވާ ގޮތައް އެމެރިކާ އިން ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައި އޮތް ނަމަވެސް އެއެއްބަސްވުމަށް އަމަލީ ސިފައެއް ގެނައުމުގެ ގާބިލްކަން އިސްރާއީލްގެ ސިޔާސީ ވެރިންގެ ކިބައިގައި ނެތް ކަމަށެވެ.