ފަލަސްތީނަށް 150 މިލިއަން ޑޮލަރު ހަދިޔާކުރައްވަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ނިންމަވައިފިއެވެ.

ފަލަސްތީނުގެ ގުދުސްގައި ހުރި އިސްލާމީ ތަރިކަތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ނިންމަވައިފައިވަނީ ދަހްރާންގައި މިއަދު ހަވީރު ފެށި އަރަބި ލީގް ސަމިޓް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ސައުދީ ރަސްގެފާނުވަނީ ފަލަސްތީނު ރެފިއުޖީންނަށް އެހީވުމުގެ މަސައްކަތް ހިންގާ އދގެ ޚާއްސަ އޭޖެންސީއަށްވެސް 50 މިލިއަން އެމެރިކާ ޑޮލަރު ދެއްވަން ނިންމަވާފައިވާކަން އިޢްލާން ކުރައްވާފައެވެ.

އަރަބި ލީގް ސަމިޓް ގައި ރަސްގެފާނު ސަލްމާންވަނީ، އިސްރާއީލުގެ ތެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާތީ، އެކަންވެސް ކުށްވެރި ކުރައްވާފައެވެ.

ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ.

އެމެރިކާ އަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ގުދުސް އަކީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމަށް ބަލައިގަތް ފުރަތަމަ ގައުމެވެ.

އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގެންފައި ވަނީ އެކަން އެގޮތަށް ނުކުރުމަށް އަރަބި ދުނިޔޭގެ ވަރަށް ގިނަ ލީޑަރުންނާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ރައީސް ޓްރަމްޕަށް ދަންނަވާފައި ވަނިކޮށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގުދުސް އަކީ މުސްލިމުންނަށް ރަތް ރޮނގެއް ކަމަށާއި އެ ރޮނގު އެއްވެސް ބަޔަކަށް ހުރަސް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ.

ގުދުސް މައްސަލާގައި ޕަލަސްތީނަށް ތާއީދުކޮށް ބައެއް އިސްލާމީ ގައުމުތަކުގެ އިތުރުން އުރުދުން، މިސްރު، އިރާގު، ތުރުކީ، ޓިއުނީޝިއާ، އަދި އިރާނުގައި ވެސް ވަނީ ހިނގާލުންތައް ބާއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަމަ އުސްމާނު

    އެހެންވީމާ މަ ބުނަނީ ސައްލޫ ރަސްގެފާނު ވަރެއް ނެތޭ.

  2. ނަޖްވާ

    އެއީ ކޮންކަމަކާ މަތިޖަހަން؟