އީރާނުގެ މޭޖާ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަވަހާރަކޮށްލަން އެމެރިކާ އިން ދިން ޑްރޯން ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޙިލާފްކަމެއް ކަމަށް ރަޝިޔާ އާއި ތުރުކީގެ ރައީސުން ގަބޫލުކުރައްވާ ކަމަށާއި އަދި އެކަން އެބޭފުޅުން ކުށްވެރި ކުރައްވާ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޯވް ވިދާޅުވެއްޖެއެވެ.

މިއަދު އީރާނުން ސުލެއިމާނީގެ މަރަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތައް ޔޫރޮޕްގެ ގައުމުތަކުން ކުށްވެރި ކުރަމުން އަންނަ މި ދަނޑިވަޅުގައި ރަޝިޔާގެ ރައީސް ވްލަޑިމުރް ޕޫޓިން އާއި ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި މިހާރު މި ފެންނަ ހަމަނުޖެހުންތައް އުފެދުނީ އެމެރިކާގެ ސަބަބުން ކަމަށް އެ ދެބޭފުޅުންވެސް ގަބޫލު ކުރައްވާ ކަމަށެވެ.

"ދެ ގައުމުގެ ރައީސުން ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ. އަދި މި މައްސަލަތައް އުފެދުނީ އެމެރިކާ އިން ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯނުލަނބައި، އީރާނުގެ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލުމުން ކަމަށް ދެބޭފުޅުންވެސް އެއްބަސްވެލައްވާ" ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޯވް އެ ގައުމުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

މީގެ އިތުރަށް ސާޖީ ވިދާޅުވެފައި ވަނީ މި މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ދެ ރައީސުންވެސް ދެކޭ ގޮތުގައި ސުލްހަވެރި މަގުތައް އިޙްތިޔާރުކުރަން ޖެހޭ ކަމަށާއި އަދި ދެން ކުރާ ކޮންމެ ކަމެއްވެސް ވާން ވާނީ ގާނޫނީ އިމުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

ރަޝިޔާ އަކީ އެެމެރިކާ އިން ހިންގާ ޖަރީމާތަކަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ ދުނިޔޭގެ ބޮޑު ބާރެއްކަން ފާހަގަކޮށްލެވެއެވެ.