ޔޫކްރޭނުގެ ފްލައިޓު PS752 ވައްޓާލެވުނީ އޮޅުމަކުން ކަމަށް އީރާނުން ބުނެފައި ވާއިރު، އެ ފްލައިޓަށް ހަމަލާ ދެވުނީ މިސައިލެއް ކަމަށް ހީކޮށްގެން ކަމަށް އީރާނުން ހާމަކޮށްފިއެވެ.

ބުދަ ދުވަހު އީރާނުގެ ވެރިރަށް ތެހްރާން އިން ފުރައިގެން ޔޫކްރޭނުގެ ކިއެވް އަށް 176 ޕަސެންޖަރުންނާއި ކުރޫ އިންނާއި އެކު ދަތުރު ކުރަމުން ގެންދިޔަ ބޮއިންގް 737 މަރުކާގެ އެ ބޯޓު ވަނީ ތެހްރާނުން އުދުއްސައިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓިފައެވެ. އަލިފާން ރޯވެގެން އެ ފްލައިޓު ވެއްޓުމާއި އެކު ފްލައިޓު ވަނީ ވަގުތުން ގޮވާފައެވެ. އަދި އޭގައި ތިބި އެންމެންވެސް ވަނީ ވަގުތުން މަރުވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އީރާނުން ސުލެއިމާނީގެ މަރުގެ ބަދަލު ހިފަން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާތަކެއް ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އީރާނުން ޔޫކްރޭން ފްލައިޓަށް ހަމަލާދީފައި ވަނީ މިސައިލެއް ކަމަށް ހީކޮށްގެން ކަމުގައި ވާއިރު ހަމަ މިފަދަ ހާދިސާ އެއް 1988ވަނަ އަހަރުވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެފަހަރު މިފަދަ އޮޅުމެއް އަރާފައި ވަނީ އެމެރިކާ ސިފައިންނަށެވެ. އެމެރިކާ ސިފައިން އޮޅުމެއްގެ ތެރެއިން ދިން އެ ހަމަލާގައި އީރާނުގެ ފްލައިޓެއް ވެއްޓި އެއިން ދަތުރު ކުރި 290 މީހުން ވަނީ މަރުވެފައެވެ.

އީރާނުން ދިން މިސައިލް ހަމަލާގެ ސަބަބުން ވެއްޓުނު ފްލައިޓުގައި އެންމެ ގިނަ އަދަދަކަށް ތިބީވެސް އީރާނަށް ނިސްބަތްޗާ ރައްޔިތުންނެވެ. އަދި މި ހާދިސާ އާއި އެކު އެމެރިކާ އިން ދަނީ އީރާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ. ނަމަވެސް އެމެރިކާ އިން 1988ގައި ދިން ހަމަލާގައި މާ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

އީރާން އަސްކަރިއްޔާގެ އެއާފޯސް ވެރިޔާ ދާދި ފަހުން މައުލޫމާތު ދިން ގޮތުގައި ސުލެއިމާނީ އަވަހާރަކޮށްލި ދުވަސްވަރު އޭނާ ވަނީ އެ ގައުމުގެ މަތިން ކޮމާޝަލް ފްލައިޓުތައް ދަތުރުކުރުން މަނާ ކުރަން ހުށަހަޅާފައެވެ. ނަމަވެސް މިކަން އީރާން އަސްކަރިއްޔާގެ އިސް ވެރިން އަޑު އަހާފައި ނުވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ޔޫކްރޭން ފްލައިޓު ވެއްޓުނީ އީރާނުން އޮޅިގެން ދެވުނު ހަމަލާ އެއްގައި ކަމަށް އެ ގައުމުން އެއްބަސް ވެފައިވާއިރު، އެ ގައުމުން މިހާރު އަންނަނީ އެކަމުގައި އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.