އެމެރިކާ ސިފައިން ސީރިއާއަށް ފޮނުވީ އެންމެ ބޭނުމެއްގައި ކަމަށާއި އެއީ ތެޔޮ ނެގު ކަމަށް އެގައުމުގެ ރައިސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފޮކްސް ނިއުސް އަށް އޭނާ ދިން އިންޓަވިއުއަކާ ހަވާލާދީ އީރާނުގެ ގައުމީ ޓީވީން ރިޕޯޓުކޮށްފައިވަނީ ސީރިއާގައި ތިބި އެމެރިކާ ސިފައިން މިހާރު އެގައުމުގައި ބައިތިއްބާފައިވަނީ ހަމަ އެކަނި ތެޔޮ ނެގުމަށާއި ތެޔޮ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމަށެވެ.

"ފަހަރެއްގަ އެ ތެޔޮ ނަގަން ޖެހޭ. އެކަމަކު އެމެރިކާގައި ބޭނުންވާ ވަރަށް ތެޔޮ އެބަހުރި،" ޓްރަމްޕް ބުނެފައިވެއެވެ.

މީގެ ކުރިންވެސް ޓްރަމްޕު ވަނީ ސީރިއާގެ ތެޔޮ ނަގާކަމަށް އެކި ފަހަރު މަތިން ބުނެފައެވެ. ސީރިއާގައި ތިބި އެމެރިކާ ސިފައިން އެގައުމުގެ ތެޔޮ ނަގާ ކަން ހާމަކޮށްފައިވާއިރު، އެ މީހުން ސީރިއާގައި ބައިތިއްބާފައިވަނީ އެގައުމުގެ ތެޔޮ ފާމްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ނަމުގައެވެ.

މިދިޔަ ނޮވެމްބަރު މަހުގައިވެސް ޓްރަމްޕު ވަނީ، ސީރިއާގައި އެމެރިކާގެ ސިފައިން ބައިތިއްބާފައިވާ ހަމަ އެކަނި މަގްސަދަކީ އެގައުމުގެ ތެޔޮ ނެގުން ކަމަށް ބުނެފައެވެ.