ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ، އިރާނުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރުމަށް އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފިއެވެ.

ގަތަރުގެ އަމީރު އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފައިމިވަނީ ގުދުސް ފޯސްގެ ކޯމާންޑަރު ގާސިމް ސުލެއިމާނީ އަވަހާރަކޮށްފައިވަނިކޮށް މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ގަތަރުގެ އަމީރު ވަނީ އިރާނުގެ އިސްބޭފުޅުންގެ އިތުރުން އެގައުމުގެ ރައީސް ހަސަން ރޫހާނީ އާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ޙާރިޖީ ގުޅުންތަކާއި ބެހޭގޮތުން މިބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ.

ގަތަރު ނޫސް އޭޖެންސީން ބުނެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން އެގައުމަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގަތަރުގެ އަމީރު ވިދާޅުވެފައިވާ ކަމަށެވެ.

އެމެރިކާއާއި ކިތަންމެ ކާރީގައި އޮތްނަމަވެސް ގަތަރާއި އިރާނަކީ ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމެވެ. އަލްޖަޒީރާއިން ބުނެފައިވަނީ ގަތަރުގެ އަމީރަކީ، ސޮލެއިމާނީ އަވަހާރަވުމަށްފަހު އެގައުމަށް ޒިޔާރާތް ކުރާ ފުރަތަމަ ރައީސް ކަމަށެވެ.

ގަތަރުގެ އަމީރު މިއަދުގެ މި ދަތުރުފުޅުގެ ކުރިން ވަނީ އޮމާނަށް ވަޑައިގެން އެ ގައުމުގެ އާ ރަސްގެފާން ސުލްތާން ހައިސަމް ބިން ތޯރިގް އަލް ސައިދުއާ ބައްދަލު ކުރައްވައިފަ އެވެ. ސުލްތާން ގާބޫސް ބިން ސައިދު އަލް ސައިދު އަވަހާރަވުމާ ގުޅިގެން އޮމާނުގެ ވެރިންނަށް ގަތަރުގެ އަމީރު ވަނީ ތައުޒިޔާ ރައްދު ކުރައްވައިފައެވެ.