ފިލިޕިންސްގެ ވެރިރަށް މަނިލާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ސުނާމީއެއް އަރައިފާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

ޓާލްގެ ނަމުން ނަން ދެވިފައިވާ މި އަލިފާން ފަރުބަދައަކީ މަނިލާއާއި 70 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ފެންގަނޑެއްގެ ތެރޭގައި އުފެދިފައިވާ އަލިފާން ފަރުބަދައެކެވެ. މި ފަރުބަދަ ގޮވުމުގެ ސަބަބުން މިހާރު ވަނީ މުޅި ހިސާބުގަނޑުގައި ދުން ފެތުރިފައެވެ.

ބައެއް ނޫސްތަކުން ބުނެފައިވަނީ، ފަރުބަދަ ގޮވި ގަޑީ އެސަރަހައްދަށް ބިންހެލުމެއްވެސް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި އެއްވެސް ފަރާތަކަށް އަނިޔާއެއް ވެފެއި ނުވާ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ. ކަމާއި ބެހޭ ފަރާތްތަކުން މިހާރު އަންނަނީ ފަރުބަދަ ދެވަނަ ފަހަރަށް ގޮވުމުގެ ކުރިން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ރައްކާތެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު 8000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ކަމާއި ބެހޭ މާހިރުން ބުނެފައިވަނީ ފެންގަނޑެއްގެ ތެރޭގައި ހުރި މި ފަރުބަދަ ފުރަތަމަ ފަހަރު ގޮވާފައިވަނީ ވަރަށް ކުޑަ ކޮށް ކަމަށާއި، އެފަހަރުވެސް ބިންހެލުމުގެ އަސަރެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް ގޮވާއިރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ ސުނާމީއެއް އުފެދިދާނެ ކަމަށް ބުނެފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ ފަރުބަދަ ގޮވި އިރު ދުމުގެ އިތުރު އަލިފާން ކަނި، ވައިގެ 15 ކިލޯ މީޓަރަށް ގޮސްފައިވާ ކަމަށެވެ. އަދި މުޅި ސަރަހައްދަށް އަލިފާން ކަނި ގޮސްފައިވާ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ޓާލް ފަރުބަދަ ވަނީ ފާއިތުވި 5 ގަރުނުގެ ތެރޭގައި 30 ވަރަކަށް ފަހަރު ގޮވާފައެވެ. އެގޮތުން އެންމެ ގިނައިން ގޮވާފައިވަނީ 1977 ވަނަ އަހަރުގައެވެ. 1911 ވަނަ އަހަރުގައި ޓާލް ފަރުބަދަ ގޮވުމުގެ ސަބަބުން 1500 ވަރަކަށް މީހުން ވަނީ މަރުވެފައެވެ.

ޓާލް ފަރުބަދަ ގޮވުމުގެ ސަބަބުން މަނީލާ އެއާޕޯޓްގައި ޖައްސަން ހަމަޖެހިފަައިވާ ގިނަ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. އެގޮތުން 240 ވުރެ ގިނަ ފްލައިޓް މިހާރު ކެންސަލް ކޮށްފައިވާ ކަން ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ޓާލް އަކީ ދުނިޔޭގައި ހުރި އެންމެ ކުޑަ އެންމެ ގިނައިން ގޮވަމުން އަންނަ އަލިފާން ފަރުބަދަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެން ކަމުން ފަރުބަދަ ބެލެވިފައިވަނީ ނުރައްކާތެރި ފަރުބަދައެއްގެ ގޮތުގައެވެ.