ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު މައްސަލަ ހޫނުވެ، ހަނގުރާމައަށް ތައްޔާރުވެގެން ތިއްބާ އީރާނުގެ ވެރިރަށް ތެހްރާނުގެ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވައްޓާލި ޔޫކްރޭނުގެ ފްލައިޓަށް ދިން ހަމަލާގެ މައްސަލައާ ގުޅިގެން އެކަމަށް ޒިންމާވާން ޖެހޭ މީހުން އީރާނު ސަރުކާރުން ހައްޔަރުކުރަން ފަށައިފިއެވެ.

އީރާނުގެ ސަރުކާރުގެ ޓީވީން ބުނެފައިވަނީ އެމައްސަލައާ ގުޅިގެން ފުން ތަހުގީގެއް ސަރުކާރުން ފަށާފައިވާ ކަމަށާއި، ތަހުގީގުގެ ތެރެއިން މީހުން ހައްޔަރުކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ކޮން ބައެއް ކަމެއް އަދި ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ތެހްރާނުގެ އެއާޕޯޓުން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި ވެއްޓިފައިވަނީ ޔޫކްރޭނުގެ ބޮއޭން 737 މަރުކާގެ ޕެސެންޖަރުން އުފުލާ ބޯޓެކެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރަމުންދިޔަ 176 މީހުން ވަނީ މަރުވެފައެވެ. ފްލައިޓް ވެއްޓުނު އިރު ފަސެންޖަރުންގެ ތެރޭގައި އިރާނުގެ 82 މީހުންނާއި، ކެނެޑާއަށް ނިސްބަތްވާ 63 މީހުން، ޔޫކްރޭންގެ 11 މީހުން، ސްވެޑެސް އަށް ނިސްބަތްވާ 10 މީހެއްގެ އިތުރުން، އަފްގާނިސްތާނަށް ނިސްބަތްވާ 4 މީހުންގެ އިތުރުން ޖަރުމަނަށް ނިސްބަތްވާ ތިން މީހަކާއި، އިނގިރޭސިވިލާތަށް ނިސްބަތްވާ ތިން މީހަކު ތިއްބެއެވެ. އެ އެންމެންވެސް ވަނީ މަރުވެފައެވެ.

މި މައްސަލާއާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު ޖެހުނު މައްސަލަ ގޯސްވެފައިވަނިކޮށް އެސަރަހައްދުގެ އެހެން ގައުމުތަކުގެ މެދުގައިވެސް ވަނީ މައްސަލަ ގޯސްވެފައެވެ. އީރާނުން ބުނެފައިވަނީ އެހަމަލާއަކީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށާއި، ފްލައިޓަށް ހަމަލާ ދިނީ އަސްކަރިއްޔާ އެންމެ މަތީ ލެވެލްގެ އެލާތުގައި އޮތުމުން ކަމަށް ވެފައި ރާޑަރުން އެ ފްލައިޓު ފެނުމުން ހީވީ އެއީ އެމެރިކާއިން ފޮނުވާލި މިސައިލެއް ކަމަށެވެ.