އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ ސީދާ އަމުރަކަށް އީރާނުގް ކޮމާންޑަރު، ޖެނެރަލް ޢާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އެމައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް އީރާނުން ހުށައަޅައިފިއެވެ.

އީރާނުގެ ޕްރައިވެޓް ނިއުސް އެޖެންސީއެއް ކަމުގައިވާ ތަސްނީމް އިން އެގައުމުގެ ޖުޑިޝަރީގެ ތަރުޖަމާނު، ޣުލާމް ހުސައިން އިސްމައިލީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެމައްސަލަ ހުށައަޅަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށެވެ. އޭނާ ވިދާޅުވެފައިވަނީ ޝައްކެއްވެސް ނެތް ގޮތުގައި ޓްރަމްޕުގެ އޯޑަރަށް ސުލައިމާނީ އަވަހާރަކޮށްލުމަކީ އެމެރިކާއިން ހިންގި ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. އަދި ދައުވާ ކުރަނީ ޓްރަމްޕާއި އެމެރިކާގެ ދައުލަތާ ދެކޮޅަށް ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ވިދާޅުވެެފައިވާ ގޮތުގައި އެ މައްސަލަ ބަލަހައްޓާނީ، ހާދިސާ ހިނގައިދިޔަ ގައުމުކަމުގައިވާ އިރާގާއި އީރާނުގެ އިތުރުން ބައިނަލް އަގުވާމީ ޖިނާއީ ކޯޓުގައެވެ. އަދި އެ މައްސަލައިގެ ހުކުމަކާ ހަމައަށް ދިއުމަސް ދިގު މުއްދަތެއް ނަގާނެ ކަމަށާއި ނަމަވެސް، އެމައްސަލަ ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އިސްލާމިކް ޕީނަލް ލޯގެ ދަށުން ޓްރަމްޕުގެ ރިޔާސީ ދައުރު ނިމުމުން އޭނާ އީރާނުގެ ކޯޓުތަކަށް ހާޒިރު ކުރެވޭނެ. އަދި އޭނާއަށް އަދަބުވެސް ދެވޭނެ،" ހުސައިން އިސްމައިލީއާ ހަވާލާދީ ތަސްމީން ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު، އިރާގުގެ ބަޣްދާދުގައި އުޅުއްވަނިކޮށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. އެ ކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން އޮތީ މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ބަލަ ބާރުގަދަ އީރާނު ކިއްކުރަންތޯ ކޯޓަށް ދަނީ؟ އެމެރިކާއާއި ހަނގުރާމަ ކޮށް އެމެރިކާ ބަލި ކޮއްލަން ވީނު!

    1
    17
  2. އަހުމަދު އަދީބު

    މިހާރު އީރާނުގެ ވިސްނުން ގެންގުޅޭ ގޮތް ވަރަށް ކަމުދޭ

    11