އެމެރިކާގެ ހަމަލާއެއްގައި އަވަހާރަވި އީރާންގެ ޖެނެރަލް ޣައްސާމް ސުލައިމާނީ އަކީ އެމެރިކާ ބަލިކޮށް، އެކަހެރި ކޮށްލުމަށް ގިނަ ރޭވުންތަކެއް ރާވަމުން ގެންދެވި އެންމެ ވަރުގަދަ ސިކުނޑި ކަމަށާއި އެއީ އެމެރިކާ އާއި ދެކޮޅު ހުރިހާ ރޭވުމެއްގެ މައި "އާކިޓެކްޗަރ" ކަމަށް އީރާންގެ ރިވޮލިއުޝަން ގާޑްސް ކޮޕްސްގެ ޗީފް ހުސައިން ސަލާމީ ވިދާޅުވެއްޖެއެވެ.

ސަލާމީ މިހެން ވިދާޅުވީ މިއަދު ތެހެރާންގައި ސީރިއާގެ ބޮޑުވަޒީރު އިމާދު ޚާމިސް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

ސަލާމީ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން މެދުއިރުމަތީގައި ބޭނުން ގޮތެއް ހަދައި ނުލެވި މިހާތަނަށް އޮތީ ސުލައިމާނީ ކުރި އަގު ނުކުރެވޭނެ ފަދަ މަސައްކަތްތަކުގެ ސަބަބުންނެވެ.

"ސުލައިމާނީ އުފަންވީ އީރާނަށް. އީރާންގެ ބިމަށް އޭނާ އަދާކޮށްދޭން ޖެހުނު ޙައްޤުތައް އެންމެ ފުރިހަމައަށް އޭނާ އަދާކޮށްދެއްވި. ދުވަހަކު ވެސް އީރާން ރައްޔިތުންގެ ހިތުން ސުލައިމާނީގެ ނަން ފޮހެވިގެން ނުދާނެ." ސަލާމީ ވިދާޅުވިއެވެ.

ސީރިއާގެ ބޮޑުވަޒީރު ޚާމިސް ވެސް ވިދާޅުވީ މެދުއިރުމަތީގެ ސުލްހައަށް ސުލައިމާނީ ވެވަޑައިގެންފައި ވަނީ ވަރުގަދަ ގުރުބާނީތަކެއް ކަމަށާއި ސީރިއާގެ ރައްޔިތުންގެ ހިތުގައި ވެސް ސުލައިމާނީގެ ނަންފުޅު އަބަދުގެ އަބަދަށް ދެމިހުންނާނެ ކަމަށެވެ.

ސުލައިމާނީ ވަނީ އައިއެސްގެ ހަނގުރާމަވެރިން ސީރިއާ އާއި އިރާޤުގައި ކުރަމުން ގެންދިޔަ ހަނގުރާމަ އާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އައިއެސް ޖަމާޢަތް ބަލިކަށިވެގެން ދިއުމުގައި ސުލައިމާނީގެ ރޭވުންތަކާއި އޭނާގެ ކޮމާންޑަރު ކަމުގެ ދަށުގައި އީރާން ސިފައިންނާއި ސީރިއާ އަދި އިރާޤުގެ ސިފައިން އައިއެސް އަށް ދިން ހަމަލާތައް މުހިއްމު ދައުރެއް އަދާކުރިއެވެ.

ސުލައިމާނީ އަވަހާރަވީ ޖަނަވަރީ މަހުގެ 03 ވަނަ ދުވަހު އިރާޤުގެ ބަޣުދާދުގައި ސުލައިމާނީ ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާއެއްގައެވެ.

ސުލައިމާނީގެ މަރުގެ ބަދަލު ހިފަން އީރާނުން ވަނީ އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.