އީރާންގެ ވެރިރަށް ތެހެރާންގެ އެއާޕޯޓަކުން ފުރިތަނުން އީރާންގެ މިސައިލް ހަމަލާއެއް އަމާޒުވެ ވެއްޓުނު ޔޫކްރޭންގެ ފްލައިޓަށް އީރާން ސިފައިން ދެ މިސައިލެއް އަމާޒުކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

176 މީހުން ޔިބި ފްލައިޓަށް މިސައިލް ހަމަލާއެއް ދެވުނީ އޮޅިގެން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން މިއަދު ބުނީ ޔޫކްރޭންގެ ފްލައިޓަށް އީރާނުން ދެ މިސައިލް ހަމަލާ ދިންކަން އެ ނޫހަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ދެ މިސައިލް ވެސް ފްލައިޓަށް އަމާޒުކޮށްފައި ވަނީ ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓް ވެއްޓުނު ސަރަހައްދާއި އަށް މޭލު ދުރުގައި ހުރި އިރާން ސިފައިންގެ އަސްކަރީ މަރުކަޒަކުންނެވެ.

ފުރަތަމަ މިސައިލް ފްލައިޓަށް އަމާޒުވުމާއި އެކު ފްލައިޓްގެ މުވާސަލީ ޚިދުމަތް މެދުކެނޑު ކަމަށް މީޑިއާތަކުން ބުނެއެވެ. ދެވަނަ މިސައިލް ފްލައިޓަށް އަމާޒުވީ ފުރަތަމަ މިސައިލް ހަމަލާ ދިންތާ 30 ސިކުންތު ވެސް ނުވަނީސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިސައިލް ހަމަލާތަކަށް ފަހު ފްލައިޓް ވަނީ އަނބުރާލާފައި ގޮސް ތެހެރާން އެއާޕޯޓްގައި ޖެއްސުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފްލައިޓް އަނބުރާލިތަނުން ވަނީ ވެއްޓިފައެވެ.

އީރާނުން ކުރިން ބުނެފައި ވަނީ މިސައިލް ހަމަލާ ފްލައިޓަށް އަމާޒުކޮށް ދެވުނީ އޮޅުމަކުން ކަމަށެވެ.

އީރާން ސަރުކާރުން މިހާރު ވަނީ މިސައިލް ހަމަލާ ދިން މައްސަލަ އާއި ގުޅިގެން ހާއްސަ ތަހްޤީޤެއް ފަށާފައެވެ. އެ މައްސަލައިގައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އީރާނުން ބުނެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.

ފްލައިޓް ވައްޓާލި ހާދިސާގައި ޒިންމާ އުފުލަން ޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ގައުމުގެ އިސް މަގާމުތަކުގައި ތިބި މީހުން އިސްތިއުފާ ދިނުމަށް ގޮވާލައި އީރާންގައި މިހާރު ގެންދަނީ މުޒާހަރާތައް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރޯ

    ކެނެޑާ ގެރައީސް ވިދާޅުވީ ރަނގަލަސް މިބޯޓް ވެއްޓުނީ ޓްރަމްޕް ގެ އަމަލުތަކުގެ ސަބަބުން.ޒިންމާވާންޖެހޭނީ ޓްރަމްޕް އީރާނުގެ މިލިޓްރި އޮފިރުގެ މައްސަލާގައާއިބޯޓް ވެއްޓުނުމައްސަލާގަ ވެސް ޓްރަމްޕަށް ދައުވާކުރެވެންވާނެ

    2
    1