މެކްސިކޯގެ ރައީސް ބޭނުން ކުރެއްވުމަށް އެގައުމުގެ ކުރީގެ ސަރުކާރުން ގަނެފައި އޮތް ބޮއިން 787 ޑްރީމްލައިނާ ފްލައިޓަށް ހަދާނެ ގޮތެއް ނޭނގޭ ކަމަށާއި، އެ ފްލައިޓަކީ ސަރުކާރުގެ ބޮލުގެ ރިހުމަކަށް ވެފައިވާ ކަމަށް މެކްސިކޯ ސަރުކާރުން ބުނެފިއެވެ.

މެކްސިކޯ ސަރުކާރުން، މި ފްލައިޓް ވިއްކާލަން މަސައްކަތް ކުރަމުންއަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އަދިވެސް މި ފްލައިޓް ގަންނާނެ ކުންފުންޏެއް ނުލިބޭ ކަމަށް މެކްސިކޯ ސަރުކާރުން ބުނެއެވެ. މި ފްލައިޓަކީ މިހާރު ލަގްޒަރީ ފްލައިޓެއްގެ ގޮތުގައި ފްލައިޓްގެ އެތެރެއަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައިވާ ފްލައިޓެކެވެ.

މިހާރު މެކްސިކޯ ސަރުކާރުގެ އެންމެ ބޮޑު ބޮލުގެ ރިހުމަށް މި ފްލައިޓް ވެފައި ވަނީ ފްލައިޓް ވިއްކައި ނުލެވި ގިނަ ދުވަސްތަކެއް ވަމުން ދާއިރު ފްލައިޓް ޕާކް ކޮށްފައި އޮންނަ ހެނގަރަށް ވެސް ކުލީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭތީއެވެ.

ފްލައިޓް ވިއްކާލަން ދަތިތަކެއް ދިމާވެފައި ވަނީ 2012 ވަނަ އަހަރު މެކްސިކޯ އިން މި ފްލައިޓަށް އޯޑަރު ކުރިއިރު 219 މިލިއަން ޑޮލަރަށް ހުރި ފްލައިޓްގެ އަގު މާކެޓްގައި މިހާރު ދަށްވެފައި ވާތީއެވެ. މިހާރު މި މަރުކާގެ ފްލައިޓެއް 130 މިލިއަން ޑޮލަރަށް ލިބެއެވެ.

މެކްސިކޯ ސަރުކާރުން ވަނީ މި ފްލައިޓް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން ވެސް އެދިފައެވެ. މެކްސިކޯ ސަރުކާރުން އެދިފައި ވަނީ ފްލައިޓް ގަތުމަށް ޓްރަމްޕް ފައިސާ ދެއްކުމުގެ ބަދަލުގައި ފްލައިޓްގެ އަގަށްވާ މުދާ އަނބުރާ ދިނުމަށެވެ. ނަމަވެސް މި ޑީލް ވެސް ނިންމާލެވޭ ހިސާބަށް މަޝްވަރާތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މި ފްލައިޓް ގަންނަން މެކްސިކޯގެ ކުރީގެ ސަރުކާރުން ބޮޑު ހޭދައެއް ކުރުމުން އޭރު ވެސް އެގައުމުގެ ވަރަށް ގިނަ އާއްމު ރައްޔިތުން އެކަމަށް ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސަމީލް

  މޯލްޑިވިއަންއަށް ވިއްކާ ލަންވީނު

  30
  1
 2. 🐠ރޮނޑާ

  ފުލައިޓު މަށައް ފޮނުވާދީ. ކޮއްމެ މަހަކު ހިކި ޓޫނާ މަސް ފޮނަވަދޭނަން

  21