އެތައް މޭލެއް ދުރުގައި ތިބި އަހަރެމެންނަށް، ސީރިޔާގެ ރައްޔިތުން އުފުލަމުންދާ ވޭނާއި ކުރަމުންދާ އިހުސާސުގެ މިންވަރެއްވެސް ނޭނގޭނެއެވެ. އެމީހުން އުޅެމުންދަނީ ކިހިނެއްކަމާއި ހިތަށް އަރާ ފައިބަމުންދަނީ ކޮން އެއްޗެއް ކަމެއް ނޭނގޭނެއެވެ. ފެންނަ ފޮޓޯއަކުން ނުވަތަ ޚަބަރުން އިވޭ ވާހަކައަކުން މިކަންކަން، އަސްލާ ގާތަށްވެސް އަންދާޒާ ނުކޮށްލެވޭނެއެވެ.

އެހެންކަމުގައިވިޔަސް، އެފަރާތްތަކުގެ ދިރިއުޅުމުން މިންވަރެއް ބަލާލުމަށާއި އުފުލަމުންދާ ވޭނުން މިންވަރެއް ހޯދާލުމަށް، އެފަރާތްތަކުގެ ވާހަކަ އަޑު އަހާލުމަކީ ނެތް ކަމެއް ނޫނެވެ. އެފަރާތްތަކުގެ އިހުސާސްތައް ބަލާލަންވެސް ޖެހޭމެއެވެ.

ސީރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ދޫމާއަށް، އެޤައުމުގެ ރައީސް ބަޝާރުލް އަސަދުވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވަރުގަދަ ކެމިކަލް ހަމަލާތަކެއް ދީފައެވެ. ކުޑަ ކުއްޖަކަށް މުސްކުޅިއަކަށް ބަލާލުމެއް ނެތި ދިން ހަމަލާއިން ސަލާމަތްވުމަށް އެތައް ބަޔަކުވަނީ، ހަލަބު ސަރަޙައްދުގެ އަލް-ބޯލް ރެފިއުޖީ ކޭމްޕަށް ހިޖުރަކޮށްފައެވެ. މިއީ ތުރުކީގެ މަދަދާއެކު ހިންގާ ކޭމްޕެކެވެ.

މި ކޭމްޕުގައި އުޅެމުންދާ އުމް ނޫރަކީ އެއް ނިބޫ ދެ އަންހެން ކުދިންގެ މަންމައެކެވެ. އޭނާ ބުނިގޮތުގައި ހަމަނުޖެހުންތައް ފެށިއިރު އޭނާގެ ދެ ދަރިންނަށް ވާނީ އެންމެ ދެ މަހެވެ. ހަނގުރާމަ ނޫން މަންޒަރެއް، އެކުދިންނަށް ފެނިފައި ނުވެއެވެ. "އެމީހުންނަށް (އުމް ނޫރުގެ ދަރިންނަށް) ފެނުނުހާވެސް އެއްޗަކީ ލެއާއި މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުން." އުމް ނޫރު ބުންޏެވެ.

އުމް ނޫރުގެ ދެ ދަރިން

އުމް ނޫރު ކިޔައިދިން ގޮތުގައި ކެމިކަލް ހަމަލާ ދިން ދުވަހު އޭނާއަށް އިވުނީ މީހަކު ކެމިކަލޭ ކިޔައި ހަޅޭލަވައިގަތް އަޑެވެ. އަދި އެވަގުތު ހަތަރު އުދަރެސް ފެނު ޖެހުންހެން ހީވިކަމަށް ބުނެފައިވެއެވެ.

އޭނާގެ ދެ ދަރިން ބުނެފައިވާ ގޮތުގައި އެކުދިން ބޭނުންވަނީ ޑޮކްޓަރުންނަށް ވާށެވެ. އެއީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށެވެ.

އަލް ބޯލުގައި އުޅޭ އުމުރުން 18 އަހަރުގެ މަލަކު، އޭނާގެ ހަތަރު މަހުގެ ދަރިފުޅުގެ ގައިގައި ބައްދާލައިގެން އިނދެގެން، ކެމިކަލް ހަމަލާގެ ބިރުވެރި ހަނދާންތައް ކިޔައިދީފައިވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި އެދުވަހު އޭނާ އުޅުނީ ދަރިއާއި ފިރިމީހާއާއެކު ތިމާގެ މީހެއްގެ ގޭގައެވެ. އަވަހަށް ސަލާމަތްވެވުނުކަމުން، ކެމިކަލް ހަމަލާގެ ސަބަބުން ބޮޑު ގެއްލުމެއް ނުލިބޭތީ އެކަމާ އޭނާ ޝުކުރު ކުރެއެވެ.

އުމުރުން 68 އަހަރުގެ ފަރީޒާ އަކީވެސް ކެމިކަލް ހަމަލާގެ ސަބަބުން އުފަން ރަށް ދޫކޮށް ރެފިއުޖީ ކޭމްޕަށް ހިޖުރަކޮށް އެތަނުގައި އުޅެމުންދާ މީހެކެވެ. ފަރީޒާ ބުނި ގޮތުގައި ހަތް އަހަރުވީ ހަނގުރާމައިގައި އޭނާ ހަނދާން ހުންނަވަރަށް ވުރެ ގިނަ ގާތްތިމާގެ މީހުންވަނީ މަރުވެފައެވެ.

ފަރީޒާ އަދި އޭނާގެ މާމަ ދަރިފުޅު

"އަހަރެންގެ ގޯތި މަތިން ހަނދާނެއް ނުވޭ، އަހަރެން ވަރަށް ހާލުގައި އުޅެފިން"- ފަރީޒާ ބުނެފައިވެއެވެ.

އެރެފިއުޖީ ކޭމްޕުން ވާހަކަ ދައްކާފައިވާ ކޮންމެ މީހަކަށްވެސް، މިއީ ސިޔާސީ ކުޅިގަނޑެއްކަން އެނގެއެވެ. ބައިނަލްއަޤުވާމީ ފަރާތްތަކުން މަސައްކަތްކޮށްގެންވެސް، މިކަން ހައްލުނުވާނެކަން އެނގެއެވެ. އެހެންނަމަވެސް، ބަޝާރަށް އަދަބު ލިބެން ހަމަ ކޮންމެ މީހަކުހެންވެސް ބޭނުންވެއެވެ.

ކެމިކަލް ހަމަލާއާ ގުޅިގެން ވާހަކަ ދެއްކި މީހުން، އެހަނދާންތައް ކުރަން ބޭނުމެއް ނުވެއެވެ. ކުޑަކުދިންގެ ޝަކުވާއަކީ އުފާވެރި ދުވަސްތަކެއް ނުލިބުމެވެ. އެހެންނަމަވެސް، އެކުދިންގެ ހުވަފެންތަކާއި އުންމީދުތަކަށް ބަދަލެއް ނާދެއެވެ.

(މަސްދަރު: ސީއެންއެން، އޭޕްރީލް 2018)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމް

    ކެމިކަލް ހަމަލާ ދިނީ ސޫރިޔާގެ ސަރުކާރުންކަން އެނގޭ އެއްވެސް ހެއްކެއް އަދި ފެނިފައެއް ނެތް. ބޮޑަށް ބުރަ ވެވެނީ ސޫރިޔާގެ ސަރުކާރުން ހަނގުރާމަ ކާމިޔާބު ކުރަމުންގޮސް ނިމުމަކަށް އަންނާތީ އެމެރިކާއާ އިސްރާއީލާ ހުޅަނގުގެ ގައުމުތައް އަޑީގަ ތިބެގެން އެމީހުންގެ މަދަދު ލިބޭ "ޓެރަރިސްޓުން" ދިން ޙަމަލާއެއް ކަމަށް. ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ފޮނުވާ އެއްޗެއް ހަމަ އެގޮތަށް އަހަރެމެންވެސް ފޮނުވަންވީތަ؟ ބަޔަކު ރާވައިގެން އިސްލާމީ ގައުމެއް ސުންނާފަތިކޮށް ނެތިކުރަމުން ދާއިރުވެސް އަހަރެމެން ސަނާކިޔަނީ އެކަންކުރާ މީހުންނަށް. ހިތާމަހުރި ކަމެއް.