އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ކޮންގްރެސް އިން ނިންމާފައި އޮތް ނިންމުން ސެނެޓަށް ފޮނުވަން ކޮންގްރެސް އިން ފާސްކޮށްފިއެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމަށް ސެނެޓްގައި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ މައްސަލަ ކޮންގްރެސް އިން ސެނެޓަށް ފޮނުވާފައި މިވަނީ ކޮންގްރެސްގެ ނިންމުން ސެނެޓަށް ފޮނުވުން މަހެއްހާ ދުވަސް ވަންދެން ފަސްކުރުމަށް ފަހު އެވެ.

ސެނެޓްގައި ޓްރަމްޕްގެ ޝަރީޢަތް ފަށަން ހަމަޖެހިފައި ވަނީ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމުން ދުރުކުރަން ކޮންގްރެސް އިން ފާސްކުރީ ދެ ސަބަބެއް ދެއްކުމަށް ފަހުއެވެ. އެއް ސަބަބެއްގެ ގޮތުގައި ކޮންގްރެސް އިން ދައްކާފައިވާ ސަބަބަކީ ރައީސް އަށް ލިބިގެންވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. ދެވަނަ ސަބަބަކީ ކޮންގްރެސްގެ ބާރުތައް ބޭނުންކުރުމަށް ހުރަސްއެޅުމެވެ.

ކޮންގްރެސްގެ ރައީސް ނެންސީ ޕެލޮސީ ވިދާޅުވީ ރައީސް މަގާމުން ދުރުކުރުން އެއީ ގައުމަށް ދިމާވާނެ ހިތާމަވެރި ހާލަތެއް ކަމަށާއި ނަމަވެސް ގައުމީ ސަލާމަތައް ރައީސް އަކީ ބޮޑު ނުރައްކަލަކަށް ވެއްޖެނަމަ މަގާމުން ދުރުކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ.

"ރައީސް ކަމުގައި ހުންނަ ބޭފުޅަކު ވެސް ޖަވާބުދާރީ ކުރުވޭނެ. އެއްވެސް މީހަކު ޤާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ." ނެންސީ ވިދާޅުވިއެވެ.

ކޮންގްރެސްގައި އިދިކޮޅު ރިޕަބްލިކަންގެ އަޣުލަބިއްޔަތު އޮތުމުން ޓްރަމްޕް މަގާމުން ދުރުކުރުމުގެ މައްސަލަ ފަސޭހަ ކަމާއި އެކު ކޮންގްރެސް އިން ފާސްކުރި ނަމަވެސް ސެނެޓްގައި އޮތީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓުން ފާސްކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު